ބާސެލޯނާއިން ނޭމާ ބޭނުންވޭ އެއީ ޔަޤީންކަމެއް: މޮރޭނޯ

ސްޕެއިންގެ ބާސެލޯނާއިން އެކަލަބަށް ކުރިން ކުޅުނު ބްރެޒިލްގެ ތަރި ނޭމާ ބޭނުންވާކަން ޔަޤީންވާކަމަށް މޮނާކޯގެ މިހާރުގެ ކޯޗު ރޮބާޓް މޮރޭނޯ ބުނެފިއެވެ.

މޮރޭނޯ ބުނީ، ބާސެލޯނާއަކީ ވަރުގަދަ މޮޅު ޓީމެއްކަމަށާއި، ކްލަބުގައި އުޅެނީވެސް މޮޅެތި ކުޅުންތެރިންކަމަށެވެ. އެގޮތުން ނޭމާއަކީވެސް އެފަދަ މޮޅު ކުޅުންތެރިއެއްކަމަށާއި، އޭނާއަކީ ޓީމު ލައްވާ ކުޅުވާ، ތަފާތު ގެނެވޭ ފެންވަރުގެ ކުޅުންތެރިއެއްކަމަށްވެސް މޮރޭނޯ ބުންޏެވެ.

"އަހަރެންނަމަ ނޭމާ އަލުން ބާސެލޯނާއަށް ގެންނާނަން." މޮރޭނޯ ބުންޏެވެ.

މިިދިޔަ ހޫނު މޫސުމުގައި ނޭމާ ގެންނަން ބާސެލޯނާއިން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވީ ޕިއެސްޖީއިން އެކަމަށް ނޫނެކޭ ބުނުމުންނެވެ. އެހެންނަމަވެސް ނޭމާއަކީ އަބަދުވެސް ބާސެލޯނާގެ އޮޕްޝަނެއްކަމަށް އެކްލަބުންވަނީ ހާމަކޮށްފައެވެ. އެއާއެކު ނޭމާ ހޯދުމަށް ބާސެލޯނާ މަސައްކަތްކުރާ ވާހަކައަކީ މިހާރުވެސް މީޑިއާތަކުގައި ހުއްޓުމެއްނެތި ދައްކަމުން އަންނަ ވާހަކައެކެވެ.

ކޮވިޑް-19 އާއި ގުޅިގެން ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކޮށްފައިވާއިރު، މޮރޭނޯގެ ވިސްނުން މިހާރު ހުރީ އަންނަ ސީޒަންއަށެވެ. އެހެންނަމަވެސް ސީޒަން ނިންމާލިއިރު، ޔޫރަޕްގެ މުބާރާތްތަކުން މޮނާކޯ ބާކީވެފައިވާތީ އެނިންމުމަކީ ޓީމަށް ރަނގަޅު ނިންމުމެއް ނޫންކަމަށްވެސް އޭނާ ބުންޏެވެ.

މޮރޭނޯ އަކީ ލުއިސް އެންރީކޭގެ އެސިސްޓަންޓެއްގެ ގޮތުން ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގައި މަސައްކަތްކުރި ކޯޗެކެވެ. މޮނާކޯއާއި ޙަވާލުވުމުގެ ކުރިން އޭނާ ހުރީ ސްޕެއިންގެ ހެޑް ކޯޗުގެ ގޮތުގައެވެ. ސްޕެއިންގެ ހެޑް ކޯޗުކަމަށައި މޮރޭނޯ ޙަވާލުވީ، އެންރީކޭގެ ދަރިފުޅުގެ ސިއްޙީ ހާލަތު ގޯސްވުމުން ޖޫން މަހު އޭނާ އިސްތިއުފާ ދިނުމުންނެވެ. މޮރޭނޯ ކުއްލި ގޮތަކަށް ވަކިކޮށް އެންރީކޭއާއި ސްޕެއިންގެ ކޯޗުކަން އަލުން ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ