ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ލިވަޕޫލް އަދި ބާސާ ބައްދަލުކުރާ މެޗުގެ ކުރިން ސުއަރޭޒް ވަޢުދެއްވެއްޖެއެވެ.
ބާސާގައި ކުޅެވުނު ފުރަތަމަ ލެގު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަވަނީ ބާސާއިންނެވެ. އެމެޗުގައި ފެނިގެން ދިޔަ ފުރަތަމަ ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. ކުރިން ކުޅުނު ލިވަޕޫލަ ކޮޅަށް މިލަނޑު ޖަހައި ސުއަރޭޒްވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
އެހެން ނަމަވެސް މިރޭ އެންފީލްޑްގައި ކުޅެވޭ މެޗުގައި ލަނޑެއް ޖެހުނުނަމަވެސް އުފާފާޅު ނުކުރާނަންކަމަށް ސުއަރޭޒް މިވަނީ ވަޢުދުވެފައެވެ. ލިވަޕޫލްގައި އުޅުނުއިރު ފުރިހަމަ ލޯބި ލިބުނު ސަޕޯޓަރުންގެ ކުރިމަތީ ސްޕެއިންގައި ކަންތައް ވީގޮތް ތަކުރާރުކުރާކަށް ސުއަރޭޒް ބޭނުމެއްނުވެއެވެ.
ސެމީ ފައިނަލް ފުރަތަމަ ލެގުގައި ބާސާގައި ސުއަރޭޒް އެޖެހި ލަނޑަކީ ކިހާ މުހިންމު ލަނޑެންކަން ފުޓުބޯޅަ ދަންނަ މީހުންނަށް އެނގޭނެކަމަށް ސުއަރޭޒް ބުންޏެވެ.
ލިވަޕޫލް ސަޕޯޓަރުންނަށް އަބަދުވެސް އިޙްތިރާމްކުރާކަމަށާއި އެލަނޑަށްފަހު ބާސާ ސަޕޯޓަރުންނާއެކު އުފާފާޅުކުރީކަމަށް ސުއަރޭޒް ބުންޏެވެ. އަދި ލިވޕޫލް ސަޕޯޓަރުންގެ ކިބައިން އެކަމަށްޓަކައި މަޢާފަށްވެސް ސުއަރޭޒް އެދުނެވެ.
" އަހަރެން ލިވަޕޫލަށާއި ލިވަޕޫލް ސަޕޯޓަރުންނަށް އަދި ކްލަބަށްވެސް ޝުކުރުވެރިވަން. އެންފީލްޑްގައި ލިވަޕޫލާއި ދެކޮޅަށް ލަނޑެއް ޖެހުނަސް އަހަރެން އުފާފާޅެއް ނުކުރާނަން. " ސުއަރޭޒް ބުންޏެވެ.

2014 ގައި ލިވަޕޫލް ދޫކޮށް ބާސާއަށް ދިޔަފަހުން ސުއަރޭޒް އެންފީލްޑްގައި ކުޅެވޭ ފުރަތަމަ މެޗަށް މިރޭގެ މެޗުވެގެންދާނެއެވެ. އުމުރުން 32 އަހަރުގެ ސުއަރޭޒް ފުރަތަމަ ލެގުގައި ޖެހި ލަނޑަށްފަހު އުފާފާޅުކުރުމާއި ގުޅިގެން އަދިވެސް ބައެއް ލިވަޕޫލްގެ ސަޕޯޓަރުން ސުއަރޭޒްއަށް މަޢާފުނުކުރާކަންވެސް އެނގޭކަމަށް ސުއަރޭޒް ބުނެފައިވެއެވެ.
މިރޭގެ މެޗަށްފަހު މިސީޒަންގެ ޗެމްޕިއަންސް ލީގުގައި އެއްކޮޅުން ފައިނަލްގައި ބައްދަލުކުރާނެ ޓީމެއް ޔަޤީންވެގެން ދާނެއެވެ. ބާސާ ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓަމުން ލިވަޕޫލް 3 ލަނޑު ޖަހަން މަޖުބޫރުވެފައިވާއިރު މިރޭގެ މެޗަކީ ލިވަޕޫލަށް ވަރަށް އުނދަގޫ މެޗެކެވެ. އަނެއްކޮޅުން އަނިޔާގެ ސަބަބުން ލިވަޕޫލްގެ އިތުރުބާރު ފޯވާޑް ފިރްމީނޯ އަދި ސަލާޙްއަށް މިރޭގެ މެޗުގައި ނުކުޅެވޭނެއެވެ.
މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.




