އދ. މާމިގިއްޔަށް ދިޔަ ދޯންޏެއްގައި ހުރި ވެރިޔަކު ނެތް ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާމިގިއްޔަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
އެގޮތުން މާލެއިން މާމިގިއްޔަށް މުދާ ހިފައިގެންދިޔަ ދޯންޏެއްގައި ވެރިއަކުނެތި ހުރި ފޮށިގަނޑެއް ހުރި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން، މި ހިނގާ މެއި މަހުގެ 7 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް އެ ފޮށިގަނޑު ގެނެސް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާކަމަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަމުގައި ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ މާމިގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



