ފަޒީލް - ފޮޓޯ: މިހާރު

ފަޒީލް މިފަހަރު ހައްޔަރުކުރީ މީހަކު ރަހީނުކުރި މައްސަލާގައި

ލ. ފޮނަދޫން ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު އައިމިނަތު ޝިމާ ނާފިޒާ އެކު ދަތުރުގައި ބައިވެރިވި މުހައްމަދު ފަޒީލް، އެ އަތޮޅު ގަމުގައި މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މިފޭރުމުގެ ހާދިސާގައި ފުލުންވަނީ މީގެ ކުރިން ދެމީހަކު ހައްޔަރުކޮށްފައެވެ. ފަޒީލް ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށް ރޭގެ ވަގުތެއްގައި ހުޅުމާލެއިންކަމަށް ފުލުހުން ބުނެއެވެ.

ލ. ގަމުގައި އުމުރުން 44 އަހަރުގެ މީހަކު ރަހީނުކޮށް އޭނާ އަތުން 8،900 ރުފިރާ ފޭރުމަށްފަހު އޭނާ ދޫކޮށްލައި އަނެއްކާވެސް ހަމަ އެމީހާއަށް ބިރުދައްކައިގެ ފައިސާ ހޯދަން އުޅެނިކޮށް ފުލުހުން މިމީހުން ހައްޔަރުކުރިއިރު މިމީހުން ރަހީނުކުރި އުމުރުން 44 އަހަރުގެ މީހާ އަތުން ފޭރުމަށްފަހު ދޫކޮށްލީ އިތުރަށް ފައިސާ ދޭން އެއްބަސް ކުރުވުމަށްފަހުގައިކަމަށް ފުލުހުން ބުނެއެވެ.

ޝިމާގެ ގެއްލުނު ހާދިސާގެ ތަޙުޤީގަށްފަހު ދޫކޮށްލާފައވާ ފަޒީލްގެ ވާހަކަތައް ގިނަ މީހުން ޤަބޫލެއްނުކުރެއެވެ. އަނެއްކޮޅުން ފަޒީލްގެ ބައެއް ވާހަކަތަކާމެދު ޝައްކު އުފެދޭކަމަށް ފުލުހުންވެސް ބުނެފައިވެއެވެ.

އުމުރުން 24 އަހަރުގެ ފަޒީލްއާއި ޝިމާ ދަތުރުކުރި ޑިންގި ބަންޑުންޖަހާލައި ޝިމާ ގެއްލުނު ހާދިސާ ހިނގާފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ. ލ. ގާދޫ ކަނޑުއޮޅއަށް ބަންޑުން ޖަހާލި ޑިންގީން ފަޒީލް ސަލާމަތްވީ ސިކްސް ސެންސަސް ރިސޯޓްގެ ފަރާ ހަމައަށް ދެވުމުންކަމަށް ފަޒީލް ބުނެއެވެ. ޝިމާ ސަލާމަތްކުރަން ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތްކުރިކަމަށާއި ޝިމާ ލޮލުކޮޅަށް ގޮސް ގެއްލުނީކަމަށް ފަޒީލް ބުނެއެވެ.

އެކަމަކު މީގެ ކުރިން ވެސް އެކި ކުށްތަކުގެ ރެކޯޑް އޮންނަ ފަޒީލް، އޭގެ ފަހުން، ޝިމާގެ ކޮއްކޮއަކު ގޮވައިގެން މާމެންދޫން އެހެން ދެ ފިރިހެނުންނާ އެކު ދަތުރެއްކުރަނިކޮށް ކަނޑުމަތިން އޭނާ ހުއްޓުވާފައިވެއެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް