މާލެއިން ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށްއައި އަންހެން މީހާ، ބަޔަކުވެގެން ރަހީނުކޮށް އޭނާއާއިމެދު އަނިޔާވެރި އަމަލުތަކެއް ހިންގި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރު ކުރެވިފައިކަމަށެވެ.
ރ. ކިނޮޅަސް، ލަގްޒަރީ، 33 އަހަރުގެ ޝިރުމީނާ އަބޫބަކުރު ގެއްލިގެން ހޯދަން ފަށާފައިވަނީ، މިދިޔަ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުގެ 13:30 އިން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކުރުމާއި ގުޅިގެން އެދުވަހުގެ ރޭ 22:45 ގައެވެ. އަދި ޝިރުމީނާ ފެނިފައިވަނީ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ހެނދުނެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ، ގެއްލިގެން ހޯދަމުންދަނިކޮށް ޝިރުމީނާ ބަޔަކުވެގެން ރަހީނުކޮށް އޭނާއާއިމެދު އަނިޔާވެރި އަމަލުތަކެއް ހިންގައި ބްލެކް މެއިލް ކޮށްގެން ފައިސާ އަތުލާފައިވާކަމަށް ބެލެވިފައިވާތީ އެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ.




