ބ. ބޮޑު ފިނޮޅުގައި ދިވެހިންތަކެއް ރަހީނުކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި 19 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ އިއްޔެ ހެނދުނު 09:30 އެހާކަންހާއިރު ބޮޑު ފިނޮޅުގައި މަސައްކަތްކުރާ 15 ދިވެހި މުވައްޒަފުން އެރަށުން ފޭބުމަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބަޔަކު އެކަމަށް ހުރަސް އަޅާއި ދިވެހި މުވައްޒަފުން ފޭބިޔަ ނުދީފައިވާކަމަށެވެ.
ފުލުހުން ވިދާލުވެފައިވާ ގޮތުގައި އެ ރަށުގައި ބިދޭސީ 203 މަސައްކަތް ތެރިއަކު ދަނީ އުޅެމުންދެނެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ފުރަތަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން އެރަށަށް ދިއުމުން އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިން ވަނީ ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދައްކާފައެވެ. މިކަމާއި ގުޅިގެން އިތުރު ފުލުހުންނާއެކު ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިއުމުން އެމީހުން ވަނީ ފުލުހުންނާ ދިމާލަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގާފައިކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ ބިދޭސީ މަސައްކަތްތެރިން ހިންގި ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތެއް ލިބުމާއި ގުޅިގެން އެ އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދާފައިވާކަމަށާއި އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް
އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިކަމާއި ގުޅިގެން ފުލުހުންގެ އިސް 2 އޮފިސަރުން ހިމެނޭ ގޮތަށް ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓް ޓީމަކާއި
ފުލުހުންގެ ތަހްޤީޤް ޓީމެއް ބަންގްލަދޭޝްގެ ހައިކޮމިޝަންގެ 2 އޮފިޝަލުންނާއެކު ރޭގެ ފަތިހުގެ ވަގުތެއްގައި ބޮޑުފިނޮޅަށް ގޮސް ވަނީ އެރަށުގައި ތިބި ދިވެހިން ސަލާމަތްކޮށްފައިކަމަށެވެ.
ޕަބްލިކް އޯޑަރ ރެސްޕޯންސް ޔުނިޓްގެ ފުލުހުންނާއި ފުލުހުން ތަހުޤީޤު ޓީމު އެރަށަށް ދިޔަފަހުން އެއްވެސް ހަމަނުޖެހުމަށް ހިނގާފައެއް ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި
ބިދޭސީ މަސައްކަތްތެރިންނާ މުޢާމަލާތްކުރެވި، އެރަށުގައި ކުރިން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޝާމިލްވާ ކަމަށް ބެލެވޭ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗަށާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މަޢުލޫމާތު އެއްކުރަމުންނެވެ. އަދި މިމައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓް ގުޅިގެން ދަނީ ތަހުޤީޤު ކުރަމުންނެވެ.




