މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ، ހދ. ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކޮށް މަރާލަން އެއްލާލި މައްސަލައިގައި ހައްޔަރު ކުރި 2 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި 2 މީހުންނަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައާއި ގުޅިގެން މިހާތަނަށް ޖުމްލަ 4 މީހަކު ޙައްޔަރުކޮށްފައިވެއެވެ.
އެގޮތުން 20 އަހަރާއި 19 އަހަރުގެ ދެ ޒުވާނުން އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މިމަހުގެ އެއްވަނަ ދުވަހުވެސް ވަނީ ދެމީހުން ހައްޔަރުކޮށްފައެވެ. ހައްރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެފިރިހެނުންނެވެ. އެދުވަހު އެމީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެެވެ.
މި މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބޯ ފަޅާލުމުގެ ސަބަބުން ސިކުންޑިއަށް ލޭއެޅި، ހާލު ސީރިއަސްވުމުން މާލެ ގެނެސް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.