އައްޑޫ ސިޓީއިން މާލެ ގެނަ މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެފައިވާއިރު މިމީހާގެ ސާމްޕަލް ދެވަނަ ފަހަރަށް ނަގައި ކަށަވަރު ކުރަން ހަމަޖެހިފައިވާކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވް އަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން މަބްރޫކް ވިދާޅުވީ، މިމީހާގެ ފުރަތަމަ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަަމަށާއި ނަމަވެސް ލެބް ސުޓޭޖްގައި ނުވަތަ މޭން ޕަވަރ ހިސާބުގައި އޮޅުމެއް އަރައިފައި ހުރެދާނެތީ މިމީހާގެ ހާލަތު ޔަގީން ކުރުމަށް އިތުރަށް ޓެސްޓު ކުރުމަށް މިހާރު ސާމްޕަލް ނަގައިފައިވާ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ، އައްޑޫއިން ޕޮޒިޓިވް ކޭސްއެއް ފެނުމަކީ ކުޑަކަމެއް ނޫން ކަމަށާއި މިކަމާއި ކުރިމަތިލުމަށްޓަކައި ކަންކަން ކަށަވަރުކުރަން ބޭނުންވާ ކަމަށެވެ.
އައްޑޫގެ މިކޭސްއާއި ގުޅިގެން 14 ދުވަހުގެ މުއްދަތަށް އައްޑޫމިހާރުވަނީ ފުރަބަންދުކޮށްފައެވެ.
މާލޭގައި ހާލުގައި ޖެހިފައިވާ އައްޑޫސިޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން މިފަހުން އައްޑޫސިޓީއަށް ގެންގޮސްފައިވާއިރު މިއަދު ޕޮޒިޓިވްވި އައްޑޫ މީހަކީ މިގޮތަށް ގެނެވުނު މީހެއް ނޫންކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. މާލޭގައި ހާލުގައި ޖެހިފައިވާ އަތޮޅުތެރޭ ރައްތަކުގެ މީހުން އެމީހުން ނިސްބަތްވާ ރައްތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން މިހާރު އަންނަނީ ކުރަމުންނެވެ.
އަތޮޅުތެރޭގެ ރައްޔިތުން އެމީހުން ނިސްބަތްވާ ރައްތަކަށް ގެންދިއަ ނަމަވެސް އެމީހުންގެ ސަބަބުން ރައްތަކުގައި ކޮވިޑް-19 ނުފެތުރޭނެ ގޮތައް ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހަމަޖެހިފައިވާކަން ސަރުކާރުގެ ފަރާތުން މިރޭ އިއުލާން ކޮށްފައި ވެއެވެ.



