ލިވަޕޫލް ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އީނިއުސް

ޔޫސީއެލް - ތާރީޚީ އެނބުރިއައުމަކާއެކު ބާސާ ބަލިކޮށް ލިވަޕޫލް ފައިނަލަށް

ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ވަރުގަދަ އެނބުރި އައުމަކުން އައިސް ބާސެލޯނާ ލަދުވެތި ގޮތަކަށް ބަލިކުރުމަށްފަހު ލިވަޕޫލް ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެވަނަ ލެގަށް ރޭ ލިވަޕޫލް ނިކުތްއިރު ކުރަންޖެހޭ މަސައްކަތް ވަރަށް ގިނައެވެ. ފުރަތަމަ ލެގު 3-0 ގެނަތީޖާއަކުން ބަލިވެފައި އޮތް ލިވަޕޫލަށް 3 ލަނޑު ޖަހަންވަނީ މަޖުބޫރުވެފައެވެ. ބާސާއަށް ލަނޑެން ޖަހަށް ފުރުޞަތުނުދީވޭތޯ ވެސް ލިވަޕޫލް މަސައްކަތްކުރަންއޮތީ ޖެހިފައެވެ. ބާސާ ޖަހައި ކޮންމެ ލަނޑަކީ އަވޭ ލަނޑަކަށްވެފައި އޭގެ ފައިދާ ބާސާއަށް ކުރާނެތީއެވެ.

އެވިސްނުމާއެކު ރޭގެ މެޗަށް ނިކުތް ލިވަޕޫލް ބާސެލޯނާގެ މައްޗަށް ކުރި ހޯދީ 0-4 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާ އެކު ލިވަޕޫލްއިން ފައިނަލަށް ދަތުރު ކުރީ 3-4 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ފުރަތަމަ ލެގާއި ޚިލާފަށް ލިވަޕޫލްގެ ފަރާތުން އާދަޔާ ޚިލާފު މޮޅުކުޅުމެއް ރޭގެ މެޗުންވަނީ ފެނިގެން ގޮސްފައެވެ. ބާސާއަށް އެމީހުންގެ ގޭމް ކުޅުމުގެ ފުރުޞަތު ނުދީ ލިވަޕޫލް ބާސާވަނީ ވަރަށް ރަނގަޅަށް ހިފަހައްޓާފައެވެ. ބާސާއަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގައި ބާސާގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ.

ލިވަޕޫލްގެ ރޭގެ މެޗަށް ނިކުތީ އިތުރުބާރު ފޯވާޑް ސަލާޙް އަދި ފިރްމީނޯގެ އިތުރުން ކެއިޓާވެސް ޓީމުގައި ނުހިމަނައެވެ.

އާނޯލްޑް އަދި ވައިނަލްޑަމް - ފޮޓޯ: އޭއެސް އިންގްލިޝް

މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ ވަރަށް ކުރީކޮޅު ބާސާގެ ޖޯޑީ އަލްބާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ލިވަޕޫލްއިން ޖެހި ލަނޑެކެވެ. ޒުވާން ކުޅުންތެރިޔާ ޑިވޮކް އޮރިޖީ މިލަނޑު ޖަހައިދިނީ މެޗުގެ 7 ވަނަ މިނަޓްގައެވެ. ފުރަތަމަ ހާފު މިނަތީޖާގައި އޮވެ ނިމިގެން ދިޔައިރު ބާސެލޯނާއިން ބެލީ ފަހަތުގައި ބޯޅަ ގިނަވަގުތު ބާއްވައިގެން ކުޅޭށެވެ. ލިބޭ ކައުންޓާ އެޓޭކްތަކުގެ ފައިދާ ނަގާށެވެ.

ލިވަޕޫލްގެ ގޭމް އިތުރަށް ވަރުގަދަ ވެގެން ދިޔައީ ލިވަޕޫލްގެ ޖޯޖީނިއޯ ވައިނަލްޑަމް ކުޅެން ނުކުތުމާއެކުގައެވެ. ދެވަނަ ހާފުގައި ރޮބާޓްސަންގެ ބަދަލުގައި ކުޅެން ނުކުތް ވައިނަލްޑަމް އެރި ގޮތަށް އަރައި މަތި މައްޗަށް ދެ ގޯލު ޖެހިއެވެ. ފުރަތަމަ ލަނޑުގެ މެޗުގެ 54 ވަނަ މިނަޓްގައި ފެނިގެން ދިޔައިރު ދެވަނަ ލަނޑުގެ ފެނިގެން ދިޔައީ 56 ވަނަ މިނަޓްގައެވެ.

މިލަނޑާއެކު އެގްރިގޭޓް 3-3 އެއްވަރުވެ ބާސާ އިތުރަށް ހާސްވިއެވެ. ފައިނަލަށް ދިއުމަށް އިތުރު ލަނޑެއް ބޭނުންވާކަން ބާސާ އިޙްސާސް ކުރެވުނެވެ. އަދި އިތުރު ހިތްވަރަކާއެކު މަސައްކަތްފެށި ބާސާ ސިއްސުވާލީ ލިވަޕޫލްއިންޖެހި 4 ވަނަ ގޯލާއެކުއެވެ. ލިބުނު ކޯނަރަކަށް ބާސާ ކުޅުންތެރިން ތައްޔާރުވެސް ނުވެ ހުއްޓާ ބާސާ އޭރިޔާތެރޭ ހުހަށްހުރި އޮރިގީއަށް އާނޯލްޑް ކޯނަރުން ދިން ޕާސް އޮރިގީ ގޯލް ތެރެއަށް ފޮނުވާލީ މެޗުގެ 79 ވަނަ މިނަޓްގައެވެ.

ލިއޮނަލް މެސީ، މެޗުގައި މެސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެންނަގޮތްވަނީ ނުވެފަ - ފޮޓޯ: ބާސާ

އެންމެފަހުން ހަތަރު ސީޒަންގައިވެސް ބާސާއަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެވިފައެއްނުވެއެވެ. މިދިޔަ އަހަރު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ބާސާއިން 4-1އިން ރޯމާ ބަލިކޮށްފައި އޮތްވާ، ރޯމާއިން ވަނީ އަމިއްލަ ދަނޑުގައި ބާސާ 3-0ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އަދި އަވޭ ގޯލް އެޑްވާންޓޭޖާއެކު އެއަހަރު ބާސާ ކަޓުވާލައި ރޯމާވަނީ ސެމީއަށް ގޮސްފައެވެ.

މިދިޔަ ސީޒަންގެ ފައިނަލްގައިވެސް ކުޅުނު ލިވަޕޫލްއައި މިސީޒަންގެ ފައިނަލްގައި ބައްދަލުކުރާ ޓީމެއް ކަށަވަރުވާނީ މިރޭ އަޔެކްސް އަދި ޓޮޓޭންހާމް ބައްދަލުކުރާ މެޗަށް ފަހުއެވެ. އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެގަޑިން މިރޭ 12:00 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް