އެމެރިކާގެ ކޮލަރާޑޯގައި ހުންނަ "ސައިންސް،ޓެކްނޮލަޖީ، އިންޖިނޭރިން، އެންޑް މެތްސް ސްކޫލް" ގައި ދިން ބަޑީގެ ހަމަލާތަކެއްގައި އެސްކޫލުގައި ކިޔަވަމުންދިޔަ އެއްދަރިވަރަކު މަރުވެ އިތުރު ހަތްކުދިން ޒަހަމްވެއްޖެއެވެ.
މިހަމަލާތަކުގައި ޒަހަމްވި ކުއްޖަކު ބުނެފައިވަނީ، ބަޑީގެ ހަމަލާދިން އެކަކު ކުލާހަށް ވަދެ ހަމަލާދޭންފެށި ކަމަށާއި ހަމަލާދިން ދެވަނަ ކުއްޖާހުރީ ކުލާހުގައި ކަމަށެވެ. ހަމަލާދިން މީހުންގެ ތެރެއިން އެކަކީ 18 އަހަރުން ދަށުގެ ކުއްޖެކެވެ. ހަމަލާދިން ދެވަނަ މީހާއަކީ 18 އަހަރު ފުރިފައިވާ މީހެއްކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ. މި ދެފަރާތްވެސް މިހާރުވަނީ ހައްޔަރުކޮށްފައެވެ.
މިހަމަލާތަކުގައި މަރުވެފައިވާ ދަރިވަރުގެ މައުލޫމާތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. މަރުވި ދަރިވަރު މަރުވެފައިވަނީ ބަޑި ޖެހުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދަނިކޮށް ހޮސްޕިޓަލުގައެވެ.
އެމެރިކާގެ ސުކޫލްތަކުގައި ބަޑިން ހަމަލާ ދިނުމަކީ އާންމު ކަމެކެވެ. މިކަން ހައްލުކުރުމަށް ބައެއް ސުކޫލްތަކުގެ ޓީޗަރުން ބަޑިގެންގުޅުން މިހާރުވަނީ ހުއްދަވެސް ކޮށްފައެވެ.