ވިޔަފާރި އުޞޫލުން އެމް.ޕީ.އެލް ޢިމާރާތްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮވިޑް-19 ރޯގާ އާ ގުޅިގެން ބޮޑެތި ލުއި ފަސޭހަތަކެއް ހަމަޖައްސާފައިވާއިރު އޭގެތެރެއިން ސައިހޮޓާ ރެސްޓޯރަންޓް ހިންގުމަށް ނަގާފައިވާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ބިންތަކުގެ ކުލި އެއްކޮށް މާފުކޮށްފިއެވެ.
އެމް.ޕީ.އެލް އިން ނެރުނު ނޫސް ބަޔާނުގައި ވާގޮތުން އެމްޕީއެލްގެ އަދި އެ ކުންފުނިން ބަލަހައްޓަމުންގެންދާ ޢިމާރާތްތަކާއި ބިންތައް ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ލުއިތަކެއް ދޭން ހަމަޖައްސާފައިވަނީ ކޮވިޑް-19 ރޯގާ އާ ގުޅިގެން ދިވެހިރާއްޖޭގައި ޞިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކޮށްފައިވާތީއާއި އަދި މާލެ ސަރަޙައްދު 15 އޭޕްރީލް 2020 އިން ފެށިގެން ފުރަބަންދު ކޮށްފައިވާތީއެވެ.
އެކުންފުނިން ދޭން ހަމަޖައްސާފައިވާ ލުއިތަކުގެ ތެރޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމާގުޅިގެން ސައި ހޮޓާ ރެސްޓޯރެންޓްތައް ބަންދު ކުރުމަށް އަންގާފައިވާތީ އެފަދަ ޢިމާރާތްތަކުގެ ކުލި އެދުވަހުން ފެށިގެން މާފް ކުރަންވަނީ ހަމަޖައްސާފައެވެ.
އަދި ފިހާރަ ހިންގުމަށާއި މުދާ ގުދަން ކުރުމަށް ކުއްޔަށް ދީފައިވާ ޢިމާރާތްތަކާއި ބިންބިމުގެ 2020 މެއި އަދި ޖޫން މަހުގެ ކުރިން %30 މާފް ކޮށްދިނުމަށާއި އަދި އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތު 30 ޖޫން 2010 ގެ ނިޔަލަށް ވަނީ އިތުރުކޮށްދީފައެވެ.
މީގެ އިތުރުން ލޮރީ ޕާރކިންގ ފީ ގެ 2020 މެއި އަދި ޖޫން މަހުގެ ކުރިން %30 މާފް ކޮށްދިނުމަށާއި އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް ވަނީ އިތުރުކޮށްދީފައެވެ.
އަދި އެކުންފުނިން ބުނީ ފައްތިޔާ ފީ އާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން ދައްކާ ފީތަކުގެ އޭޕްރީލް، މެއި އަދި ޖޫން މަހުގެ ކުލި ޖޫރިމަނާއާ ނުލައި ބަލައިގަތުމުގެ މުއްދަތުވެސް 30 ޖޫން 202 ގެ ނިޔަލަށް އިތުރުކޮށްދީފައި ވާކަމަށެވެ.



