އުޖާލާ ފަތިހެއްގެ އިންތިޒާރުގައި..

"މަންމީ ދެން ކޮންއިރަކުންތަ މީއްކޮ ކައިރިއަށް އަންނާނީ؟ މީއްކޮ މިހާރު ވަރަށް އަވަހަށް ބުއްތަށިވެސް ހުސްކޮށްލަން." އެ އިވުނީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު މިޝާގެ އަޑެވެ. އޭނާގެ އުމުރުން މިހާރު ފަސް އަހަރެވެ. އެއީ އަހަރެން ގުޅާ ކޮންމެ ފަހަރަކު އޭނާ ކުރާ ޝަކުވާއެކެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. އަހަންނަށް ގެއަށް ނުދެވޭތާ މިހާރު ތިން ހަފްތާވީއެވެ. އަހަރެންވެސް ދެރަވެއެވެ. ލޮލުން ކަރުނަވެސް އާދެއެވެ. މައި ލަގޮނޑިއަށް ކެތެއް ނުވެއެވެ. އެހެންނަމަވެސް އަހަރެން ޑޮކްޓަރުކަން ކިޔެވީ ބަލި މީހުންނަށް އެހީތެރިވުމުގެ މަތިވެރި މަޤުޞަދުގައެވެ. ވަޒީފާގައި ހޭދަވީ ހަތް އަހަރުތެރޭގައިވެސް ކުރިމަތިނުވާފަދަ ޙާލަތެއް މިއަދު މިވަނީ ކުރިމަތިވެފައެވެ. މި ޤައުމަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެއަށެވެ. ކޮރޯނާ ވައިރަސްގެ ވަބާ މިވަނީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ފެތުރިފައެވެ. މިއީ އަހަރެމެންގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ވަގުތެވެ. މި ދާއިރާ އަހަރެން ޚިޔާރުކުރީ މި ހުރިހާ ކަމެއް އެނގިހުރެއެވެ. އެހެންކަމުން ކިތަންމެ ދެރަވިނަމަވެސް މިއީ އެންމެ ހިތްވަރުކުރަންވީ ވަގުތެވެ. ތިމާގެ ލޯބިވާ ޤައުމާއި ރައްޔިތުންގެ ޙައްޤުގައެވެ.

"އިރާދަކުރެއްވިއްޔާ މަންމި ވަރަށް އަވަހަށް ދާނަން! ދަރިފުޅު މާމައާ ބައްޕަގެ ބަސް އަހަގެން އުޅޭތި! މަންމި ދަރިފުޅުދެކެ ވަރަށް ލޯބިވޭ." ހިފަހައްޓައިގެން ހުރި ކަރުނަތަށް ލޮލުން ފައިބަން ފެށުމުން އަހަރެން އަވަހަށް ފޯނު ބޭއްވީމެވެ. އަހަރެން ރޯކަން އެނގިއްޖެނަމަ ދަރިފުޅު އަދި މާ ދެރަވާނެއެވެ.

ވަގުތަކީ އައި.ސީ.ޔޫގައި އެންމެ އިސް މީހަކަށް އަހަރެން ހުރި ވަގުތެވެ. އަހަރެން އިނީ ދަރިފުޅަށް ގުޅާލުމަށްޓަކައި ރެސްޓް ރޫމްގައި ކުޑަ ބްރޭކެއް ނަގައިގެންނެވެ. ފޯނުން ދަރިފުޅުގެ ފޮޓޯތަކަށް ބަލަން އިންދާ ކުއްލިއަކަށް ދޮރުހުޅުވާލި އަޑު އިވިގެން ބަލާލީމެވެ.

"ޑޮކްޓަރ އާރޖެންޓް!" ވަރަށް ހާސްވެފައި ނަރުހަކު ގޮވާލިއެވެ.

ފޯނު އަތުން ދޫކޮށްލާފައި އަހަރެން ދުވެފައި ނުކުތީމެވެ. އޭރު ދޮރުން މާބަނޑު އަންހެނަކު ވައްދަނީއެވެ. އަވަސްކޮށްލާފައި އަހަރެންވެސް އެހީތެރިވެދިނުމަށްޓަކައި އެތަނަށް ދިޔައީމެވެ. އެވަގުތު އައި.ސީ.ޔޫ ދޮރުމަތީގައި މެދު އުމުރަށްވުރެ މައްޗަށް ގޮސްފައިވާ ފިރިހެނަކު ރޮވިފައި ހުއްޓެވެ. އަހަރެން ފެނުމާއެކު އެމީހާ އަހަންނަށް ގޮވާލިއެވެ.

"ޑޮކްޓަރ! އަހަރެންގެ ދަރިފުޅާއި އަންހެނުން ސަލާމަތްކޮށްދޭތި ޕްލީޒް! ކޮންމެފަދަ ޙާލެއްގައިވެސް ދަރިފުޅު ސަލާމަތްކޮށްދިނުމަށް އަންހެނުންވަނީ ވަޞިއްޔަތްކޮށްފަ. އެއީ އަހަރެމެންގެ އަލަތު ދަރިފުޅު. ދަރިޔެއް ލިބޭތޯ އަހަރެމެން މަސައްކަތްކުރާތާ ފަނަރަ އަހަރުވެއްޖެ." ވަރަށް އަސަރާއެކު އެމީހާ ކިޔައިދިނެވެ.

"ކެތްތެރިވެލައްވާ! ﷲ އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ." އެމީހާއަށް ހިތްވަރު ދިނުމުގެ ގޮތުން އަހަރެން ބުނެލީމެވެ. އަދި އަވަހަށް ބަލިމީހާއަށް ފަރުވާ ދިނުމަށްޓަކައި އެތެރެއަށް ވަނީމެވެ.

އަހަރެން ވަނުމާއެކު ބަލިމީހާއާ ހަވާލުވެގެން އައިސްހުރި މެޑިކަލް އޮފިސަރ އާދަމް، ބަލިމީހާގެ ފައިލް ދިނުމަށްފަހު އެމީހާގެ ޙާލަތު ކިޔައިދޭންފެށިއެވެ. އެ އަންހެން މީހާއަކީ ޢުމުރުން ސާޅީސް ދެ އަހަރުވެފައިވާ މީހެކެވެ. މިއީ އޭނާ ބަނޑު ބޮޑުވެފައިވާ އަށްވަނަ ފަހަރެވެ. ކޮންމެ ފަހަރަކުވެސް އެއްމަހުގައި ނުވަތަ ދެ މަހުގައި ބައިގެން ދަނީއެވެ. މިފަހަރު މިއީ އަދި އެންމެ ގިނަ ދުވަސް ވީ ފަހަރެވެ. އެއީ ފަސް މަހެވެ. އޭނާ ކޮވިޑް 19 އަށް ފައްސިވެ، ކަރަންޓީން ފެސިލިޓީއެއްގައި ހުންނަތާ މިހާރު ވަނީ ތިން ދުވަސްވެފައެވެ. ކުއްލިއަކަށް ޙާލު ދެރަވާން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ހޮސްޕިޓަލަށް ގެނައި އިރުވެސް ނޭވާލަނީ ވަރަށް އުނދަގުލުން ކަމުގައި އާދަމް ބުންޏެވެ. އަދި ބަނޑުގައިވާ ދަރިފުޅުގެ ޙާލުވެސް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށާއި އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކަށް މަޢުލޫމާތުދީފައިވާކަމުގައިވެސް ބުނެދިނެވެ. އަދި އެ ޑޮކްޓަރުވެސް ވަރަށް އަވަހަށް އަންނާނެކަން ހިއްސާކުރިއެވެ.

ބަލިމީހާއަށް އޮކްސިޖަން ގުޅާފައި އޮތްއިރުވެސް ނޭވާލާން ވަރަށް ބޮޑަށް ދަތިވެގެން އުޅޭކަން އެނގެއެވެ. އޭރު އޮކްސިޖަން ލެވެލްވެސް ހުރީ ވަރަށް ބޮޑަށް ދަށްވެ، ވެންޓިލޭޓަރއަށް ލާންޖެހޭ ހިސާބުގައެވެ.

"މިކޮޅަށް މިގެނައީ ޑޮކްޓަރ ޢާދިލްގެ އިރުޝާދުގެ ދަށުން ވެންޓިލޭޓަރއަށް ލާންޖެހޭތީ. އެމަރޖެންސީ ރޫމް އަދި އަނެއް ދެ އައި.ސީ.ޔޫގައި ހުރި ހުރިހާ ވެންޓިލޭޓަރއެއްވެސް އޮކިޔުޕައިޑް. ޑޮކްޓަރ ވިދާޅުވީ މިކޮޅުގަ ވެންޓިލޭޓަރުން ނެގޭވަރުގެ ބަލިމީހެއް ނެތް ނަމަވެސް ބެޑް ނަންބަރު ދިހައެއްގައި އޮތް މުސްކުޅި ބަލިމީހާ ވެންޓިލޭޓަރުން ނެގުމަށްފަހު އެމަރޖެންސީ ރޫމަށް ބަދަލުކުރުމަށް. އަދި އެ ބޭބެގެ ޢާއިލާއާ ޑޮކްޓަރ ޢާދިލް ވާހަކަ ދައްކަވާނެކަމަށް. " އާދަމް އެއްނެވާއިން ހުރިހާ ތަފްޞީލެއް ދިނެވެ. ޑޮކްޓަރ ޢާދިލަކީ މެޑިކަލް ބޯރޑުގެ އިސް ވެރިޔެކެވެ.

އާދަމް އެ ހުރިހާ ވާހަކައެއް ދައްކަމުން ދިޔައިރު ވަށައިގެންވާ މާޙައުލަށް އަހަރެންނަށް އަވަސް ނަޒަރެއް ހިންގާލެވުނެވެ. މިތަނުގައިވެސް ހުރި ހުރިހާ ވެންޓިލޭޓަރެއްގައި ބަލި މީހުންނަށް ފަރުވާދެވެމުން އެބަދެއެވެ. ކޮންމެ ބަލި މީހަކީވެސް ކޮންމެވެސް މީހެއްގެ ދަރިއެއް، ބައްޕައެއް ނުވަތަ މަންމައެކެވެ. ނުވަތަ އެއްބަނޑު މީހެކެވެ. ހުރިހާ ފުރާނައެއްވެސް މުހިންމެވެ. ނަމަވެސް މި ގެނެވުނު ބަލިމީހާއާއިއެކު ދެ ފުރާނަ ވެއެވެ. ކުރާނެކަމެއް ނެތެވެ. މިފަދަ ދުވަހެއް އިތުރަށް ނުދެއްކެވުމަށް އެދި ހިތާހިތުން ދުޢާކުރަމުން މަސައްކަތައިގެން އަވަސްވެގަތީމެވެ.

މާބަނޑު މީހާ ވެންޓިލޭޓަރއަށް ލުމުގެ މަސައްކަތުގައި އުޅެނިކޮށް އަންހެނުންގެ ޚާއްޞަ ޑޮކްޓަރުވެސް އެތަނަށް އަޔެވެ. އޭނާ ބެލުމަށްފަހު މިހާރު ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު ނެތްކަމަށާއި މަރުވެފައިވާކަމުގެ ހިތާމަވެރި ޚަބަރު ދިނެވެ. އެވަގުތު އަހަރެންގެ މަސައްކަތަށް ކުޑަކޮށް ހުއްޓުން އެރިއެވެ. ހާދަހާވާ ދެރައެވެ! އެ ޚަބަރު އަހަރެން އެ ޢާއިލާއާ ޙިއްޞާކުރާނީވެސް ކިހިނެއްހެއްޔެވެ؟ އެ ދަރިފުޅަކީ ދިގު އިންތިޒާރަކަށްފަހު އެމީހުންނަށް ލެއްވި ނިޢުމަތެކެވެ.

ކިތަންމެ ދެރަވިނަމަވެސް ހިތްވަރުކޮށްފައި އަންހެން މީހާގެ ފުރާނަ ސަލާމަތްކުރެވޭތޯ މަސައްކަތްކުރަމުން ދިޔައީމެވެ. ނަމަވެސް އެކަމުގައިވެސްވީ ދިހަ ވަރަކަށް މިނެޓެވެ. އަންހެން މީހާވެސް މި ފަނާވަނިވި ދުނިޔެއާ ވަކިވެގެން ދިޔައެވެ. ކުއްލިއަކަށް އަހަންނަށް ހީވީ ވަށައިގެންވާ މާޙައުލު އެނބުރިގެން ދިޔަހެންނެވެ. މިއީ އަހަރެންގެ ކެރިއަރުގައިވެސް މިހާތަނަށް އައި އެންމެ ހިތާމަވެރި ދުވަހެވެ. އަހަރެންގެ ކުރިމަތީގައި އެ ނިޔާވީ ކޮވިޑް 19 ގައި ރާއްޖެއިން ނިޔާވި ފުރަތަމަ މީހާއެވެ. ނޫނެކެވެ. ދެ މީހުންނެވެ. މަޔަކާއި އޭނާގެ ދަރިފުޅެވެ. ވެފައިވާ ވަރުބައްޔާއި، ލިބިފައިވާ ހާސްކަމުގެ ތެރެއަށް ހިތާމަވެރިކަން ވެރިވުމުން އަހަންނަށް ރޮވޭ ގޮތް ވިއެވެ. ޑޮކްޓަރުންނަކީވެސް އިންސާނުންނެވެ. ކިތަންމެ ހިތްވަރުކުރިނަމަވެސް އެމީހުންވެސް ދެރަވާނެއެވެ. ކޮންމެ ބަލި މީހަކީވެސް އެމީހުންގެ ވަރަށް ގާތް ބަޔެއްކަމުގައި އެމީހުން ދެކެއެވެ.

އަހަރެމެންނަށް މިއަދު އޮތް ހަމައެކަނި ގޮތަކީ ދުޢާކޮށް، ﷲ އާ ވަކީލުކުރުމަށްފަހު، މިކަމުން ސަލާމަތްވުމަށް ވީވަރަކުން ގަދައަޅާ މަސައްކަތްކުރުމެވެ. އަހަރެމެން އެންމެންވެސް މިއަދު ދެކެން އެންމެ ބޭނުންވަނީ މި ނުރައްކާތެރި ބަލިން ސަލާމަތްވެ އަލިވިލޭނެ އުޖާލާ ފަތިހަކަށެވެ.

(ނިމުނީ)

މިލިޔުން ކިޔާލުމުން
421
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ