ކައުންސިލް އިންތިހާބު ފަސްކުރާ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙް ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19 އާ ގުޅިގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙް މިއަދު ތަޞްދީޤު ކުރައްވައިފި ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޙާބު ފަސްކުރުމާއި ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 29 އެޕްރީލް 2020 ގައެވެ. މި ބިލު ފާސްކުރީ ޖަލްސާގައި ބައިވެރިވި 63 މެންބަރުންގެ ވޯޓުންނެވެ.
ކޯވިޑް-19 އާ ގުޅިގެން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން ނިންމައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ބިލު 2020 ރައީސުލްޖުމްހޫރިއްޔާ @ibusolih މިއަދު ތަޞްދީޤު ކުރައްވައިފި
— Ibrahim Hood (@MvSpokesperson) May 10, 2020
ކައުންސިލް އިންތިހާބު ފަސް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އަދި ފަހުން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދިޔަައީ އެކަމަކީ މަޖިލީހުން ހައްލު ހޯދަންޖެހޭ ކަމެއް ކަމަށް މަޖިލީހުން ނިންމުމުންނެވެ.
ކައުންސިލް އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ތާވަލް ކޮށްފައި ވަނީ އެޕްރީލް 4 ވަނަ ދުވަހު އެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު ކައުންސިން އިންތިހާބު ބޭއްވުމަށް ފަސްކުރެވިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހަށެވެ.




