މޫސުން ގޯސް، ވައިގަދަވާނެ ކަމަށް ލަފާކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅަށެވެ.
ބ އަތޮޅުން ފެށިގެން ތ އަތޮޅަށް ވައިޓް އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މި އެލާޓްގައި ބުނެފައި ވެއެވެ. މިސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހަވީރު 15:30 އިން މިރޭ 20:30 އާއި ހަމައަށެވެ.
Alert white in effect from 1530 till 2030LT pic.twitter.com/UkmGD5XgM4
— Maldives Meteorology (@MetMaldives) May 10, 2020
މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރެއްކަމުން މެޓް އޮފީހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކަށް އެލާޓް ނެރެމުންނެވެ. އެގޮތުން މެޓް އޮފީހުން މިއަދު ވަނީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ކ. އަތޮޅާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ.



