އިންޓަނެޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ޤާނޫނުން ކަނޑައަޅަން ޖެހޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހުވި ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
މެމަބަަރުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މަލީހް ވިދާޅުވީ އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގަޮތުގައި ކަނޑައަޅަން ޖެހޭ ކަމަށާއި، އަދި އެ މަސައްކަތް ފަށަންޖެހޭކަމަށާއި، އެ ކަމަށްޓަކައި ޤާނޫނަށް ގެންނަ ބަދަލު ގެނައުމަކީ މިކޯލިޝަން ސަރުކާރުން ފަށަން ޖެހޭ މަސައްކަތެއްކަމަށް ޤަބޫލުކުރާކަމަށެވެ.
އަދި އިންޓަނެޓްގެ ޚިދުމަތަކީ ރަނގަޅު ފެންވަރުގައި ލިބޭ އިންޓަނެޓް ހިދުމަތަކަށް ހެދުމަށް ސަރުކާރާއި މަޖިލީހުން ގުޅިގެން މަސައްކަތް ކުރުމުން ހައްލު ލިބޭނެކަމަށްވެސް މަލީހު ވިދާޅުވިއެވެ.
މީގެ އިތުރުން މަލީހް ވިދާޅުވީ ކުންފުނިތަކުގައި ސަރުކާރުގެ ޙިއްސާ އިތުރު ކޮށްގެންނަމަވެސް އިންޓަރނެޓްގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅަންޖެހޭކަމަށާއި، މިކަމާއި ގުޅިގެން އިތުރު ޤާނޫނުތައް ވުޖޫދަށް ވެސް ގެންނަން ޖެހޭ ކަމަށެވެ.
އަދި މިހާރު ވެސް އިލޮކްޓްރޯނިކް ޓްރާންޝިޝަންގެ ޤާނޫނެއްގެ ބިލެއް ފަރުމާކޮށް ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން މަލީހު ވިދާޅުވީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނީ ޒިންމާގައިވާ މުވާސަލާތީ ޚިދުމަތްތައް ދެމުންދާ ކުންފުނިތައް ރެގިއުލޭޓް ކުރުމުގެ މަސައްކަތުގެ ތެރޭގައި ކުންފުނިތަކުގެ މެކޭނިޒަމްގެ ތެރެއަށް ވަދެ އަގުތައް ކޮންޓްރޯލް ކުރުން ކަމުގައި ގަބޫލު ނުކުރައްވާކަމަށެވެ.




