މަސްޖިދު ބަހާއުއްދީން (މާވެޔޮ މިސްކިތް) މިއަހަރުގެ ރޯދަ މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު އާއި ހަވާލާދީ "ސީއެންއެމް" އިން ވިދާޅުވީ، މި ރޯދައިގެ ތެރޭގައި އެތަން ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރޯދަ މަހުގެ މެދު ތެރޭގައި އެތަނަށް ނަމާދަށް އެރޭ ވަރުކުރެވޭތޯ މަސައްކަތް ކުރަމުންދާކަން އަފްރާހު ފާހަގަކުރެއްވިއެވެ.
ކުރިން ދެ ބުރިއަށް ހަދާފައި ހުރި މާވެޔޮ މިސްކިތް ތަޅާލައި އެތަން ފަސް ބުރީގެ މިސްކިތަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިސްކިތް ނުހަދައި ގިނަ ދުވަސްވަމުންދާތީ އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.
މާވެޔޮ މިސްކިތް ފަސް ބުރިއަށް އިމާރާތްކުރަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެންނެވެ. އަންހެނުން ނަމާދުކުރަން ވަކިން ހާއްސަ ބައެއް ހިމެނޭހެން އިމާރާތް ކުރާ މި މިސްކިތުގައި އެއްފަހަރާ 1500 އަށް ވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭނެއެވެ.
މާވެޔޮ މިސްކިތުގެ އިތުރުން ރޯދަ މަހަށް މާލެ ސަރަހައްދުގައި ތިން މިސްކިތެއް ހުޅުވަން ނިންމާފައިވާއިރު އެގޮތުން ވިލިމާލޭގައި އިމާރާތްކުރި އާ މިސްކިތާއި ސަލްސާ ރޯޔަލް ކައިރީ ހުންނަ މުހައްމަދު ޖަމީލް މިސްކިތް ވެސް ވަނީ ރޯދައިގެ ކުރިން ހުޅުވާފައެވެ.
ރޯދަ މަހާއި ދިމާކޮށް މާލޭގެ މިސްކިތްތައް ފުރި މަގުތައް މަތީގައި ވެސް ގިނަ ބަޔަކު އަންނަނީ ނަމާދުކުރަމުންނެވެ.