ކޮވިޑް 19 ފެތުރުން ހުއްޓުވުމުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުގެ ސަބަބުން، ސަރުކާރު ފެއިލްވެ، ހަދާނެ ގޮތް ހުސްވުމުން، ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ތާއީދު ކުރާކަމަށް ބުނެ ސަރުކާރުގެ ފަރާތުން ދައްކަމުން ގެންދާ ވާހަކަތައް ދޮގުކޮށް ކުށްވެރިކުރާ ކަމަށް ޕްރޮގްރެސިވް ކޯލިޝަން އިން ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ކޯލިޝަން އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ފެތުރުން ހުއްޓުވުމުގައި ސަރުކާރު ފެއިލް ވެފައިވާ ދަނޑިވަޅުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތައް ދިފާއު ކުރުމުގެ ގޮތުން، ވައިރަސް ފެތުރުން ހުއްޓުވުމުގައި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކަށް އިދިކޮޅުން ތާއީދު ކުރާކަމަށް ބުނެ ދައްކަމުން ގެންދާ ދޮގު ވާހަކަތަކަކީ ދިވެހިރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލާ ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރަމުން ގެންދާ މަސައްކަތެއްކަމުގައި ދެކޭ ކަމަށެވެ.
އަދި އެވާހަކަތައް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ވާހަކަތައް ސަރުކާރުގެ ފަރާތުން ދައްކަން ފެށުމުގެ ބޭނުމަކީ، ކޯވިޑް 19 ފެތުރުން ހުއްޓުވުމުގައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަން ރައްޔިތުންނަށް ހާމަވެ، ސަރުކާރުން ހަދަމުން ގެންދާ ގޯސްތަކާއި، ހިންގަމުން ގެންދާ ކޮރަޕްޝަންގެ ޢަމަލުތަކާއި، ވައްކަން ތަކުގެ ވާހަކަތައް ދިވެހިރައްޔިތުން ދައްކަން ފެށުމުން، ޙަޤީޤަތާއި ކުރިމަތިލުމުގެ ބަދަލުގައި ރައްޔިތުންގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލުމަށް ކުރަމުން ގެންދާ މަސައްކަތެއްކަމުގައި ބެލެވޭ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައި ބުނެފައި ވެއެވެ.
އަދި މިކަން ހުއްޓުވުމުގައި ސަރުކާރުގެ ވެރިން އެ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަކަށް އެބޭފުޅަކު ކަންކުރަމުން ގެންދާ ކަމާއި، މިކަމުގައި ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަމާއި، ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާކަންވެސް ދިވެހި ރައްޔިތުން މިހާރު ޤަބޫލުކުރެއްވާ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑް-19ގެ ބިރުވެރިކަމުގެ ވާހަކަތައް ދުނިޔޭގެ ޤައުމުތަކުން ދައްކަމުން ގެންދިޔަ އިރު، އެކަމުގެ ބިރުވެރިކަން ރާއްޖެއަށްވެސް އޮތްކަން ހާމަކޮށް ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ދައްކަމުން ގެންދިޔަ ވާހަކަތަކަށް ސީރިއަސް ވުމުގެ ބަދަލުގައި ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އޭރު ވަނީ ޖޯކު ޖައްސަވާ ވާހަކަފުޅު ދައްކަވާފައިއެވެ.
ކޯވިޑް 19 ގެ ކާރިސާގެ ތެރެއިން އެކިއެކި ޙާލަތްތަކުގައި އަދި އެކި މުހިންމު ދަނޑިވަޅުގައި ސަރުކާރުގެ ޢަމަލުކުރަމުން ދިޔަ ގޮތަށް މިކޯލިޝަނުން ބިނާކުރަނިވި ފާޑު ކިޔުން އަމާޒުކޮށް، ރައްޔިތުންގެ ޝުޢޫރު ހާމަކޮށް، ސިއްޙީ މާހިރުން ގެ ލަފާ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލަމުން ދިޔަކަމީ، މިކާރިސާގެ ތެރޭގައި ރައްޔިތުންގެ ޙައްޤުގައި ޒިންމާދާރު ޚިދުމަތްތަކެއް ޕްރޮގްރެސިވް ކޯލިޝަނުން ކުރަމުން ގެންދާ ކަމުގެ ސާބިތު ހެއްކެއް ކަމަށާއި އަދި ސަރުކާރުން ކަންކުރަމުން ދިޔަ ގޮތުން ރައްޔިތުންގެ ދުޅަހެޔޮކަމަށް އިތުރު ނުރައްކާ ކުރިމަތިވި ހިނދު، މިކާރިސާއާއި ގުޅިގެން ކޮރަޕްޝަނާއި ފަސާދައިގެ ތެރެއިން ޤައުމުގެ އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ސަރުކާރުން ދެމުން އައިކަން އެންމެ ހަރު އަޑުން ގޮވާލާ ބަޔަކީ ވެސް ހަމަ އިދިކޮޅު ކޯލިޝަނުން ކަންވެސް އެބަޔާނުގައި ފާހަގަ ކުރައްވާފައި ވެއެވެ.
އަދި މީގެ އިތުރުންވެސް ސިއްޙީ ބޭފުޅުންގެ އިރުޝާދުތަކަށް އިސްކަން ކަން ދިނުމެއްނެތި، ފަރުވާކުޑަކުރުމުގެ ސަބަބުން ކަންކަން ގޯހުން ގޯހަށް ދިއުމުން ފިޔަވަޅުތަކެއް އަޅަމުން ގެންދިއުމުން ދޭހަވަނީ އެއްވެސް ދުވަސްވަރެއްގައި މިކަމަށް ސަރުކާރުގެ އެއްވެސް ސިޔާސަތެއް ނެތްކަމާއި، ސަރުކާރު ފެއިލްވެފައިވާ ކަމަށް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.



