މާލެއިން ރަށަށް ދާން ބޭނުންވާ ލިސްޓުގައި މާލޭގައި ދިރިއުޅޭ ގިނަ ފަރާތްތަކެއްވެސް ހިމެނޭ ކަމަށް އެލްޖީއޭގެ ޑިރެކްޓަރ ޖެނަރަލް އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފު ވިދާޅުވީ 3258 ފަރާތެއް މާލެއިން ރަށް ރަށަށް ދާން ބޭނުންވާ އެބަހުރި ކަމަށެވެ. އަދި އޭގެ ތެރޭގައި މާލޭގައި ދިރިއުޅުއްވާ ފަރާތްތައް ވަރަށް ބޮޑަށް ހިމެނޭނެކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.
އާދަމް ވިދާޅުވީ އެގޮތުން އެފަރާތްތަކުގެ ތެރޭގައި ވަޒީފާ ގެއްލިގެން ނުވަތަ އާމްދަނީ ދަށްވެގެން ދިރިއުޅޭ ތަނުން ނިކުންނަން ޖެހިފައިވާ އަދި އެހެނިހެން ޒަރޫރީ ކަންކަމާއި ހެދި މާލޭގައި އުޅުމަށް ދަތިވެފައިވާ ފަރާތްތައް ހިމެނޭނެ ކަމަށެވެ. މިގޮތަށް 3258 ފަރާތެއް ހިމެނޭ އިރު މިހުރިހާ ފަރާތްތަކަށް ގުޅައި އަދި ޔަޤީން ނުކުރެއްވޭ ކަމަށް އާދަމް ވިދާޅުވިއެވެ.
މި 3258 މީހުންގެ އިތުރުން 1444 ފަރާތެއް ސިއްޙީ ބޭނުމަށް މާލެ އައިސް ފުރަބަންދާއިހެދި ރަށަށް ނުދެވި މާލޭގައި ތާށިވެފައި އެބަ ތިބިކަމަށް އާދަމް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން ރިސޯޓު ކަރަންޓީނުން ދޫކޮށްލުމުން ރަށަށް ދާންވެގެން މާލެ އެރިތަނުން ފުރަބަންދު ކުރުމުން ރަށަށް ނުދެވިވާ 363 ފަރާތެއް އެބަ ތިބިކަމަށްވެސް އާދަމް ވިދާޅުވިއެވެ.
މާލެ ލޮކްޑައުން ކުރުމާއިއެކު މާލޭގައި ގިނަ ބަޔަކު ތާށިވެފައިވާ ކަމުގެ ޝަކުވާ ރަށް ރަށުގެ ކައުންސިލް ތަކަށާއި އެލްޖީއޭ އަށް ވަނީ ލިބިފައެވެ. ސަރުކާރުން މިހާރުވަނީ މިހެން ތިބި ފަރާތްތައް 14 ކަރަންޓީން ފެސިލިޓީއެއްގައި ބެހެއްޓުމަށްފަހު ރަށް ރަށަށް ފޮނުވުމަށް ނިންމާފައެވެ.



