ޙަޔާތުގައި އެންމެ އުފާވީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއެކު 2010 ވަނަ އަހަރު ޔޫއެފާ ޔޫރޮޕާ ލީގު ކާމިޔާބު ކުރެވުނު ދުވަހުކަނަށް އުރުގުއޭގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ޑިއޭގޯ ފޯލާން ބުނެފިއެވެ.
ސްޕެއިންގެ ކުޅިވަރު ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ފޯލާން ބުނީ، 2010 ފުލްހާމްއާއި ދެކޮޅަށް ކުޅެ، އެތުލެޓިކޯއިން ޔޫރޮޕާ ލީގު އުފުލާލި ދުވަހަކީ އޭނާގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމަށެވެ.
12 މެއި 2010 ވަނަ ދުވަހު ޖަރުމަނީގެ ހެންބާގުގައި ކުޅެވުނު އެމެޗު އެތުލެޓިކޯއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. އެމެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ދިޔަ ދެލަނޑާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވެފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެއާއެކު ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގައި ފޯލާން ކާމިޔާބުކުރި ލަނޑާއެކު އެތުލެޓިކޯއިންވަނީ ފުލްހާމްގެ މައްޗަށް ކުރި ހޯދާފައެވެ. އެމެޗުގައި އެތުލެޓިކޯއިން ޖެހި ދެލަނޑުވެސް ކާމިޔާބުކޮށްދިނީ ފޯލާން އެވެ.
"މެޗުގެ އިތުރުވަގުތުގެ ދެވަނަ ހާފު ކުޅެމުން އައިއިރުވެސް އަހަރެން ޕެނަލްޓީއަކަށް ދާން ބޭނުމެއްނުވޭ. އާންމުކޮށް މެޗުގެ ފުރިހަމަ ވަގުތުގައި މޮޅަށް ޓީމަށް ޕެނަލްޓީއިން ނާކާމިޔާބީއާއި ކުރިމަތިވަނީ." ފޯލާން ބުންޏެވެ.
މީގެއިތުރުން ފޯލާން ބުނީ، ކޮންމެ މީހަކު ލަނޑު ޖެހިކަމުގައި ވީނަމަވެސް އެއީ އެންމެން އެކީވެގެން ހޯދި ކާމިޔާބީއެއްކަމަށެވެ. އެކާމިޔާބީއާއެކު މުޅި ސިޓީއެއްކޮށް ރަތާއި ހުދަށްވެފައި އޮތްއޮތުން ހިތުން ފިލައިގެން ނުދާކަމަށްވެސް ފޯލާން ބުންޏެވެ.
ސްޕެއިންގެ ވިލަރެއަލް ދޫކޮށް އެތުލެޓިކޯއާއ ފޯލާން ގުޅުނީ 2007 ވަނަ އަހަރުގެ ޖުލައި މަހުއެވެ. އެތުލެޓިކޯގައި ހަތަރު ސީޒަން ހޭދަކުރުމަށްފަހު ފޯލާން ދެން ދިޔައީ އިޓަލީގެ އިންޓަރ މިލާންއަށެވެ. އުމުރުން 41 އަހަަރުގެ ފޯލާންއަކީ އޭނާގެ ކުޑައިރުގެ ކްލަބެއްކަމަށްވާ ޕެނަރޯލްގެ މިހާރުގެ ކޯޗެވެ.




