މިނިސްޓަރ ނަހުލާ ހުންނެވީ ރިސޯޓްގައި، ވަޑައިގެންނެވީ އުޞޫލުގެ ތެރެއިން: މަބްރޫކް

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ހުންނެވީ ރިސޯޓްގައި ކަމަށާއި، އެކަމަނާ ރިސޯޓަށް ވަޑައިގެންނެވީ އުޞޫލުތަކުގެ ތެރެއިންކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް މިހެން ވިދާޅުވީ، މާލޭ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް އާއިލާއެކު މިނިސްޓަރ ނަހުލާ ރިސޯޓަކަށް ވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަން ނޫސްވެރިންނަށް ސާފުކޮށްދެއްވަމުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިގޮތުން މިނިސްޓަރ ނަހުލާ ރިސޯޓަށް ވަޑައިގެންފައިވަނީ ރިސޯޓުތަކުގެ އޯނަރުންނާއި އިންވެސްޓަރުންނަށް އަދި އެނޫންވެސް ކަނޑައެޅޭ ހާއްސަ ބަޔަކަށް ރާއްޖެ އައުމުގެ ހުއްދަ ދިނުމަށް ޓެގް ޓީމުން ނިންމާފައިވާ ނިންމުމުގެ ދަށުން ކަމަށެވެ. އަދި ޓެގް ޓީމުގެ މި ނިންމެވުމުން ލިއްބައިދޭ ހުއްދަ ރާއްޖޭގެ ރިސޯޓް އޯނަރުންނަށްވެސް އޮންނަ ކަމަށެވެ.

"ޓެގްގެ ޑިޒިޝަނެއް ނެގިފައި އެބައޮތް. ތި ބޭފުޅުން ހަނދުމަފުޅު ހުންނާނެ، ރިސޯޓްތަކުގެ އޯނަރުން ރާއްޖޭން ބޭރުން ރާއްޖެ ވަޑައިގެން އެ ރިސޯޓްތަކުގައި ކަރަންޓީން ވެގެން ތިބެވޭނެ ގޮތަށް ހެދުނު އުސޫލުގެ ތެރޭގައި ދިވެހި އޯނަރުންނަށްވެސް އެ ބޭފުުޅުންގެ ރިސޯޓްތަކުގައި ތިއްބެވިދާނެ ކަމަށް" މަބްރޫކް ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާގެ ފިރިކަލުން ގާސިމް އިބްރާހިމްއަކީ ގިނަ ރިސޯޓުތަކެއް ހިނގަވާ ބޭފުޅެކެވެ. މައުލޫމާތު ލިބޭގޮތުގައި ގާސިމް އެބޭފުޅާގެ އާއިލާއާއެކު މިހާރު ވަޑައިގެން ހުންނެވީ ސަން އައިލެންޑް ރިސޯޓުގައެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލުމުގެ މަސައްކަތާއި އަދި މިނޫންވެސް އެތަކެއް ޓްރާންސްޕޯޓް މަސައްކަތްތަކެއް ރައްޔިތުންނާއި ސީދާ ގުޅުންހުރި ކުރެވެމުންދާއިރުވެސް ނަހުލާގެ ބަހެއް މިފަދަ ކަމެއްގައި ނުލިބޭތީވެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ ނަހުލާ ހުންނެވީ ކޮންތަނަކުތޯ ސުވާލު ކުރައްވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ މިނިސްޓަރުކަން އަދާކުރައްވަމުން ގެންދަވަނީ އެބޭފުޅާގެ ފިރިކަލުން ލީޑާޝިޕް އަދާކުރައްވާ ޖުމްހޫރީ ޕާޓީގެ ސުލޮޓެއްގައެވެ.

މިލިޔުން ކިޔާލުމުން
211
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ