ލިވަޕޫލްއަތުން ބަލިވެ ޗެމްޕިއަންސް ލީގުން ބާސާ ކެޓި މެޗަށްފަހު ބާސާގެ ބަސް ކުޅުންތެރިން ގޮވައިގެން އެއާޕޯޓަށް ދިޔައިރުދިޔައީ ކެޕްޓަން ލިއޮނަލް މެސީ ނުލައިކަމަށް ވެއެވެ.
ދަ މިރާގައި ވާގޮތުން ލިވަޕޫލް މެޗަށްފަހު މަނާ ބޭހެއް ބޭނުންކޮށްފައިވޭތޯ ބެލުމަށް ޓެސްޓު ކުރުމަށް މެސީވަނީ މަޑުކުރުވާފައެވެ. އެކަމާއި ގުޅިގެން ބާސާ ބަސް ގެއްލުނު މެސީ ފަހުން އެއާޕޯޓަށް ދިޔައީ އަމިއްލައަށް ކަމަށް މިރިޕޯޓުގައިވެއެވެ.
އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ މެސީ އަކީ މިމެޗުގެ ފުރަތަމަ ލެގުގެ ތަރިއެވެ. 3-0 ގެ ނަތީޖާއަކުން ބާސާ ލިވަޕޫލް ބަލިކުރިއިރު ބާސާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑު ޖަހައިދިނީ މެސީއެވެ. އެމެޗަކީ ޗެމްޕިއަންސް ލީގު ފައިނަލަށް ދިއުމަށް ކުރިއަށް އެޅުނު ފިޔަވަޅެއްކަމުގައި ބާސާއިން ދެކުނެވެ. ނަމަވެސް ކަންދިމާވީ އެހެނަކުން ނޫނެވެ. އެންފީލްޑް ގައި ކުޅެވުނު ދެވަނަ ލެގުން މުޅި ދުނިޔެ ޙައިރާންކޮށްލުމަށްފަހު ލިވަޕޫލްވަނީ ވަރުގަދަ ބާސެލޯނާ ކަޓުވާލާފައެވެ.
މިދިޔަ ސީޒަންގައިވެސް ރޯމާ އަތުން މިފަދަ ގޮތަކަށް ބަލިވި ބާސެލޯނާ އަނެއްކާވެސް ހަމައެހާ ހިތިގޮތަކަށް ޗެމްޕިއަންސް ލީގުން ކެޓީއެވެ. މިސީޒަންގެ ލަލީގާ ޗެމްޕިއަނުންނަކީ ބާސެލޯނާއެވެ. އަދި ކޮޕަޑެލްރޭ ފައިނަލަށްވެސް ބާސެލޯނާވަނީ ދަތުރުކޮށްފައެވެ.

އުމުރުން 31 އަހަރުގެ ލިއޮނަލް މެސީ ޓެސްޓްތަކަށްފަހު އަމިއްލައަށް އެއާޕޯޓަށް ދިޔައިރު އެއާޕޯޓުން ބައްދަލުވި ނޫސްވެރިންނަށް އިންޓަވިއު ދޭންވެސް މެސީ ވަނީ އިންކާރުކޮށްފައެވެ.
ރޭގެ މެޗުގައި އެދެވޭ ކުޅުމެއް މެސީގެ ފަރާތުން ފެނިފައި ނުވިނަމަވެސް މިސީޒަންގައި މެސީ ދައްކަމުން އައީ ހުނަރުވެރި މޮޅު ކުޅުމެކެވެ. 34 ލަނޑާއެކު ލަލީގާގެ އެންމެ ގިނަ ލަނޑުޖަހައިދިން ކުޅުންތެރިއަކީ މެސީއެވެ. ހަމައެގޮތަށް ޗެމްޕިއަންސް ލީގުގައިވެސް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހާދީފައިވަނީ މެސީއެވެ. މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މެސީ 12 ލަނޑު ޖަހާދީފައިވެއެވެ.




