އިނގިރޭސި ވިލާތުގެ ސަންޑޭޓައިމްސް އިން އާންމުކުރި އެންމެ ޒުވާން އެންމެ މުއްސަނދި ކުޅުންތެރިންގެ ލިސްޓުން އެއްވަނަ ރެއަލްމެޑްރިޑަށް ކުޅެމުން އަންނަ ގެރެތު ބޭލްއަށް ލިބިއްޖެއެވެ.
އުމުރުން 30 އަހަރުގެ ބޭލްއަށް މިލިސްޓުން އެއްވަނަ ލިބުނީ ކުރިން މިލިސްޓްގެ އެއްވަނާގައި އޮތް ގޯލްފު ކުޅުންތެރިޔާ ރޯރޯ މެކްލޯރީއަށް 31 އަހަަރު ފުރި ޒުވާން ކުޅުންތެރިންގެ ލިސްޓުން ޖާގަ ގެއްލުމާއި ގުޅިގެންނެވެ. ސަންޑޭޓައިމްސް ނެރެފައިވާ މިލިސްޓްގެ ގަދަ 10 ގައި ނުވަ ފުޓްބޯޅަ ކުޅުންތެރިން ހިމެނޭއިރު، ދެން ހިމެނެނީ ބޮކްސަރ އެންތަނީ ޖޯޝުއާއެވެ.
ބޭލްއަށް މިލިސްޓުން އެއްވަނަ ލިބެނީ މިލްކިއްޔާތުގައި ހުރި 114 މިލިއަން ޕައުންޑާއެކުގައެވެ. ދެވަނާގައި އޮތް އެންތަނީ ޖޯޝުއާ މިލްކިއްޔާތަކީ 110 މިލިއަން ޕައުންޑެވެ. ތިން ވަނަ ލިބޭ މެންޗެސްޓާރ ޔުނައިޓެޑްގެ ޕައުލް ފޮގްބާ އުޅެނީ އެއްވަނަ އަދި ދެވަނާގައި އޮތް ދެކުޅުންތެރިންނާއި ވަރަށް ބޮޑު ތަފާތެއްގައެވެ. ޕޮގްބާގެ މިލްކިއްޔާތުގެ ގޮތުގައި 50 މިލިއަން ޕައުންޑާއެކު ހުރިކަމަށް މިލިސްޓްގައިވެއެވެ. މީގެއިތުރުން ދެން މިލިސްޓްގައި ހިމެނެނީ ކެވިން ޑެބްރޫނޭ، ޑެހެއާ، ރަހީމް ސްޓާލިން، ކާންޓޭ، ހެރީ ކޭން އަދި ސްޓްރިޖްގެ އިތުރުން ޖޯޑަން ހެންޑާސަންއެވެ.
2013 ވަނަ އަހަރު ރެއަލްމެޑްރިޑާއި ގުޅުނު ބޭލްއަށް މިފަހަކަށް އައިސް ރެއަލްމެޑްރިޑުގެ ފުރަތަމަ 11 އިން ފުރުޞަތު ގެއްލިފައިވާއިރު، މިހާރުގެ ކޯޗް ޒިދާންއާއި ބޭލްއާއި ދެމެދު ގިނަ މައްސަލަތަކެއް ޖެހިފައިވާކަމަށް ރިޕޯރޓްތައް ބުނެއެވެ. މިސީޒަންގެ ލަލީގާއި ބޭލް މިހާތަނަށް ކުޅެފައިވަނީ އެންމެ 14 މެޗެވެ. އެ 14 މެޗުން ބޭލް 2 ލަނޑު ކާމިޔާބުކޮށްފައިވާއިރު، 2 އެސިސްޓްވެސް ހަދާފައިވެއެވެ.



