އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން 1440 ވަނަ ރަމަޟާން މަހު ބާއްވާ ފުރަތަމަ އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާނީ ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 2019 މެއި 9 ވާ ބުރާސްފަތި ދުވަހުގެރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ.
ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމުކުރާ އިޙްޔާ ފޯރަމަކީ، އިސްލާމީ ދަރުހާއި ނަޞޭހަތް ދެއްވާ ފޯރަމްތަކެކެވެ. ފޯރަމްތައް ކުރިއަށްދާނީ ރަމަޟާންމަހުގެ ކޮންމެ ހޯމަވިލޭރެއަކާއި ހުކުރުވިލޭރެއަކު އިސްލާމީ މަރުކަޒުގައިކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމަކީ ދީނީ ގޮތުން ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދިނުމަށް ރާއްޖޭގައި ހިންގާ އެންމެ ޚާއްޞަ އެއް ޕްރޮގްރާމެކެވެ. މިއީ 1980ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
IHYA FORUM 1440
— Ministry of Islamic Affairs (@MVIaffairs) May 8, 2019
09 MAY 2019 | THURSDAY
"Ramadan" - Former President Al Usthaz Maumoon Abdul Gayyoom
Islamic Center Hall | 21:30 PM
EVENT: https://t.co/1NgbK0OxLf#MVIaffairs #Ramadan #Roadha40 #IhyaForum pic.twitter.com/TZZw7zEgMF
މި އަހަރުގެ މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. މީގެކުރިން ހަމައެކަނި އާއްމު ރައްޔިތުންނަށް މި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔަނަމަވެސް މިއަހަރު މިޙަރަކާތް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވަނީ އެކި މުއައްސަސާތަކަށްވެސް ޚާއްސަކޮށްގެންނެވެ.
މިގޮތުން ފޯރަމް ކުރިއަށްގެންދާ އެކި ރޭރޭ އެކި ކުންފުނިތަކަށް ޚާއްސަ ކުރުމަށްވަނީ ނިންމާފައެވެ. އަދި ކުންފުނިތަކުން ޚާއްސަ ވަކި މަޢުޟޫޢުތަކަށް ދީނީ މަޢުލޫމާތު ބޭނުންނަމަ މަޢުޟޫޢު އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އަދި ހަމައެހެންމެ ވަކިވަކި ކުންފުނިތައް ބައިވެރިވުމުގެ ބަދަލުގައި އެކި ކުންފުނިތައް ގުޅިގެންވެސް މިޙަރަކާތުގައި ބައިވެރިވެވޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން މިގޮތަށް މިޙަރަކާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ ޢާއްމުންނެކޭ އެއްގޮތަށް ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީވެސް ދީނީ ކަންކަމަށް ލޯބިކޮށް ދިނީ ކަންކަމަށް ހޭލުންތެރިކުރުމަށްޓަކައެވެ.
މީގެ ކުރިން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް މިހާރު ގެންދަނީ ދިވެހި ޢިލްމުވެރިން، ވަކި މަޢުޟޫއަކަށް މަޝްވަރާ ކުރާ ޕެނަލެއްގެ އިތުރުން ޚާއްސަ ޕްރެޒެންޓޭޝަންތަކުގެ އަލީގައެވެ. އަދި މި އަހަރުވެސް މިފަދަ ގޮތަކަށް ކުރިއަށްގެންދިޔުމަށް ވަނީ ނިންމަވާފައެވެ.
ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެން ބާއްވާ މިއަހަރުގެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް މާދަމާރޭ ބާއްވާއިރު، އެ ޕްރޮގްރާމްގެ މަޢުލޫއަކީ "ރަމަޟާން" އެވެ.