އައްސޭރި ޖަލުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށް ދަނީ އެން.އޯ.ސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކަމަށެވެ.
މިގޮތުން ހިންމަފުށީ ގައި ހުންނަ އައްސޭރި ޖަލުގައި ކޮވިޑް-19 އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ކަރެކްޝަން އިން ވިދާޅުވިއެވެ.
އެން.އޯ.ސީއާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން، ކޯވިޑް 19 އަށް ތަޙުލީލުކުރުމަށްޓަކައި ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ހިންމަފުށީ ގައި ހުންނަ އައްސޭރި ޖަލުގައި ކުރިޔަށް ދަނީ.
— Maldives Correctional Service (@CorrectionsMv) May 16, 2020
މީގެ ކުރިން މާފުށީ ޖަލުންވެސް ވަނީ މިގޮތަަށް ރެންޑަމް ސާމްޕަލް ނަގައިފައެވެ. އެގޮތުން މާފުށީ ޖަލުން 36 ސާމްޕަލް އެއް ނެގިއިރު ހުރިހާ ސާމްޕަލް އެއްވެސް ވަނީ ނެގެޓިވް ވެފައެވެ. ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މާފުށީ ޖަލުންވެސް ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.
މާލެ އިންވެސް މިގޮތަށް ރެންޑަމް ސާމްޕަލް ތައް ނަގަމުންދާއިރު ރެންޑަމް ސާމްޕަލްތަކުން މަދުންނަމަވެސް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މާލެއިން ނެގި ރޭންޑަމް ސާމްޕަލަކުން މިސްކިތެއްގެ އިމާމް ވެސް ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 1031 އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 360 ދިވެހިންނާއި، 671 ބިދޭސީންނެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މަސައްކަތްތެރީންނެވެ.




