ކޮވިޑް-19ގެ ސަބަބުން ދަތުތަކާ ކުރިމަތިލާންޖެހުނު ކުދި ވިޔަފާރިތަކަށް ދޭ ލޯނު 30000ރ އަށް ބޮޑުކުރަން ނިންމައިފިއެވެ.
މިކަން ސަރުކާރުން ހާމަކުރައްވާފައިވަނީ، މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއެވެ.
"އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ކުރިން ކުދި ވިޔަފާރިތަކަށް ދޭން ނިންމި 18000ރ ގެ ލޯން 30000ރ އަށް އިތުރުކުރުމަށް ވަނީ ނިންމާފައި." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ކުރިއަށްވުރެ ފަހި ފުރުޞަތުތަކެއް ލިބޭނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ، ކޮވިޑް-19 ރިކަވަރީ ސްކީމް ލޯން ޕްރޮގްރާމުގެ ދަށުން ލޯނު ނެގުމަށް ބޭންކް އޮފް މޯލްޑިވްސް އަދި އެމްއެމްއީ ފައިނޭންސް ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ވިޔަފާރިތަކުގެ ތެރޭގައި ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް، އަދި ނޯޕޭ ނަގަން މަޖުބޫރުކުރުވި ކުންފުނިތައްވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް މުވައްޒަފުންގެ ލާބަޔާއި މަންފާއަށް، އެފަދަ ހާލުގައި ޖެއްސި މުވައްޒަފުންނަށް އަލުން ވަޒީފާ ދީ، 5000ރ އަށްވުރެ ކުޑަ ނުވާނެ އުޖޫރައެއް ދޭން ނިންމައިފިނަމަ އެފަދަ ވިޔަފާރިތަކަށްވެސް ލޯނުގެ ފުރުޞަތު ހުޅުވާލުމަށް އަލުން ނިންމާފައިވާކަންވެސް މިނިސްޓަރ މިއަދު ހާމަކުރެއްވިއެވެ.




