ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ފަސްކޮށްފިއެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާފައިވާ "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ފަސްކޮށްފައިވާކަން ފީފާއިން އިޢުލާންކޮށްފައިވާއިރު، ދެން މި އެވޯޑްސް ހަފުލާ ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން އެކަމުގެ އަސަރު މުޅިދުނިޔެއަށް ކޮށްފައިވާއިރު، މިދިޔަ މާރޗް މަހުން ފެށިގެން ޤައުމުތަކުގެ ފުޓްބޯޅަ ސީޒަންތައްވެސްވަނީ މެދު ކެނޑިފައެވެ. މިވައިރަހުގެ ސަބަބުން 2019-20 ފުޓްބޯޅަ ސީޒަންއަށްއަށް ވަރަށް ބޮޑު އަސަރެއްވަނީ ކޮށްފައެވެ. އެގޮތުން ފްރާންސްއާއި ނެދަލެންޑުން އެޤައުމުތަކުގެ ލީގުތައްވަނީ ކެންސަލްކޮށްފައެވެ.
މިއެވޯޑް ޙަފްލާ ބާއްވަން ނިންމާފައިއޮތީ، އިޓަލީގެ މިލާންގައެވެ. އިޓަލީއަކީ ކޮވިޑް-19 ގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމެވެ. އެގޮތުން 220000 އަށްވުރެ ގިނަ މީހުން އެޤައުމުން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 31000 އަށްވުރެ ގިނަ މީހުން މިވައިރަހުގައި އެޤައުމުން މަރުވެފައިވެއެވެ.
ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް ދޭން ފެށީ 2016 ވަނަ އަހަރުއެވެ. ފީފާ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޮވިފައިވާއިރު، އެންމެ މޮޅު އަންހެން ފުޓްބޯޅަ އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނ ީއެމެރިކާގެ އަންހެން ޤައުމީ ޓީމުގެ މޭގަން ރެޕީނޯއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														