މި 37 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީން ކަމަށާއި، އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހިމެނޭ ކަމަށްވެސް ކަރެކްޝަން އިން ބުނެއެވެ.

މީގެ ކުރިން މާފުށީ ޖަލުންވެސް ވަނީ މިގޮތަަށް ރެންޑަމް ސާމްޕަލް ނަގައިފައެވެ. އެގޮތުން މާފުށީ ޖަލުން 36 ސާމްޕަލް އެއް ނެގިއިރު ހުރިހާ ސާމްޕަލް އެއްވެސް ވަނީ ނެގެޓިވް ވެފައެވެ. ކޯވިޑް-19 އަށް ޓެސްޓުކުރުމަށް މާފުށީ ޖަލުންވެސް ޖަލު އޮފިސަރުންނާއި ޤައިދީންގެ ރެންޑަމް ސާމްޕަލްތައް ނަގާފައިވަނީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.

މާލެ އިންވެސް މިގޮތަށް ރެންޑަމް ސާމްޕަލް ތައް ނަގަމުންދާއިރު ރެންޑަމް ސާމްޕަލްތަކުން މަދުންނަމަވެސް މީހުން އަންނަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން ކޮވިޑް-19 އަށް ޓެސްޓުކުރުމަށް މާލެއިން ނެގި ރޭންޑަމް ސާމްޕަލަކުން މިސްކިތެއްގެ އިމާމް ވެސް ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ.