ފުޓްބޯޅަ އެނބުރި އައުން ހާލަންޑްގެ ލަނޑަކުން!

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ފުޓްބޯޅަ މިރޭ އެނބުރި އަތުވެއްޖެއެވެ.

ޖަރުމަނުގެ ބުންޑެސްލީގާ މިރޭ ފައްޓާފައިވާއިރު، ފުރަތަމަވެސް ފެނިގެންދިޔައީ ޑޯޓުމުންޑަށް ކުޅެއްމުން އަންނަ ޒުވާން އާލިން ހާލަންޑްގެ ލަނޑެކެވެ.

ޑޯޓުމުންޑުއާއި ޝާލްކޭ ބައްދަލުކުރި މިމެޗު ޑޯޓުމުންޑްއިން ފަޞޭޙަކަމާއެކު ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ޑޯޓުމުންޑުން ޖެހި ފުރަތަމަ ޒުވާން ހާލަންޑު ކާމިޔާބުކޮށްދިނީ މެޗުގެ 29 ވަނަ މިނަޓްގައެވެ. ތޯގަން ހަޒާޑު ހުރަސްކޮށްދިން ބޯޅަ އޭރިއާގެ މެދަކާ ހިސާބުން ގޯލްގެ ތެރެއަށް ފޮނުވާލިއިރު، ކީޕަރު ހުރީ ހަރަކާތް ކުރަން ނޭނގިިފައެވެ.

މިއަހަރުގެ ޖެނުއަރީމަހު ޑޯޓުުމުންޑާއި ގުޅުނު ހާލަންޑް މިސީޒަންގައި މިހާތަނަށް 37 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އޭނާވަނީ ބުންޑެސްލީގާގައި ކުޅުނު ފުރަތަމަ 9 މެޗުން ޖުމްލަ 10 ކާމިޔާބުކޮށްފައެވެ.

ޑޯޓުމުންޑަށް ބަދަލުވި ފަހުން މިހާތަނަށް އެކްލަބަށް ހާލަންޑު ކުޅެދިން 12 މެޗުން 13 ލަނޑު އޭނާ ކާމިޔާބުކޮށްފައިވެއެވެ. ޖަރުމަނަށް ބަދަލުވުމުގެ ކުރިންވެސް ލަނޑު ޖެހުގެ ހުނަރުން އެތަށް ބަޔަކު ހައިރާންކޮށްލި ހާލަންޑްވަނީ ކުރީގެ ކްލަބު ސަލްޒްބާގަށް 14 މެޗުން 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ އިތުރު ލަނޑެއްޖަހައި ޑޯޓުމުންޑުންވަނީ ލީޑު ފުޅާކޮށްފައެވެ. ފުރަތަމަ ހާފުގެ ފަހުވަގުތުގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ގެރެއިރޯއެވެ.

ދެވަނާ ހާފު ފެށި މާގިނައިރުތަކެއްނުވަނީ އަނެއްކާވެސް ޑޯޓުމުންޑުން ލީޑު ފުޅާކުރީ ތޯގަން ހަޒާޑުގެ ލަނޑަކުންނެވެ. މެޗުގައި ޑޯޓުމުންޑުން ޖެހި ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ގެރެއިރޯއެވެ.

ސަޕޯޓަރުން ނުވައްދާ ކުޅުނު މިމެޗުގައި ކޯޗުންނާއި ބަދަލުކުޅުންތެރިންވެސް އެތުރިފައިހުރީ ދެމީޓަރުގެ ދުރުމިނުގައެވެ.

މިމޮޅާއެކު 26 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޑޯޓުމުންޑްވަނީ އެއްވަނާގައި އޮތް ބަޔާންގެ ފުލުގައި ވިއްދާފައެވެ. ބަޔާންއަށް ތާވަލްގެ އެއްވަނަ ލިބެނީ 25 މެޗުން ލިބުނު 55 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ