ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔޭކްސް އަދި ޓޮޓޭންހާމް ބައްދަލުކުރި މެޗުގައި ޓޮޓޭންހާމްގެ ލޫކަސް މޯރާ ދެވަނަ ހާފުގައި ހެދި ހެޓްރިކާއެކު ޓޮޓޭންހާމް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފިއެވެ.
ޓޮޓޭންހާމްގައި ކުޅެވުނު ފުރަތަމަ ލެގުން ޓޮޓޭންހާމް ބަލިވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ޓޮޓޭންހާމް ނިކުތްއިރު ލަނޑެއްޖަހަށްވަނީ މަޖުބޫރުވެފައެވެ.
އެހެންނަމަވެސް ކަންތައްވީ ޓޮޓޭންހާމް މުޅިން ހީކުރިގޮތާ ޚިލާފަށެވެ. މެޗު ފަށައިގަނެ ރަނގަޅަށް ގޭމް ތެރެއަށް ނުވަދެވި އުޅެނިކޮށް އަޔޭކްސް ލަނޑެއްޖެހިއެވެ. މެޗުގެ 5 ވަނަ މިނަޓްގައި ޑެލީޓް ޖަހައިދިން މިލަނޑަކީ ލިބުނު ކޯނަރަކުން ބޮލުން ޖަހައިދިން ލަނޑެކެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ އިތުރު ލަނޑެއްޖަހައި ޒުވާން އަޔޭކްސްއިން ހަމަޖެހިލިއެވެ. 35 ވަނަ މިނަޓްގައި ފެނިގެންދިޔަ މިހިތްގައިމު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒިޔެކްއެވެ. އަރިމަތިން ހުރަސްވެގެން އައި ބޯޅަ ޒިޔެކް ގޯލަށް ފޮނުވާލީ ކޮންޓްރޯލްކޮށްލުމެއްނެތި ވަން ޓަޗުންނެވެ.

ހިތްހަމަޖެހޭ ނަތީޖާއަކާއެކު ޒުވާން އަޔޭކްސް ޓީމުން ދެވަނަ ހާފްފެއްޓިނަމަވެސް ދެވަނަ ހާފުގައި އަޔޭކްސްއާއި ކުރިމަތިލީ މުޅިން ތަފާތު ޓޮޓޭންހާމްއެކެވެ. ދެވަނަ ހާފުގައި ޓޮޓޭންހާމްއިން ލޮރެންޓޭ ކުޅެންނެރެ ހަމަލާތައް ވަރުގަދަ ކުރިއެވެ. ނަތީޖާއަކަށް ޓޮޓޭންހާމް ދެވަނަ ހާފުފަށައި ފުލުފުލުގައި ޖެހި ދެލަނޑާކާއެކު އަޔޭކްސް ހާސްކޮށްލުމުވެ. ލޫކަސް މޯރާގެ ފަރާތުން ފެނުނެ މިދެލަނޑޫ ފެނިގެންދިޔައީ މެޗުގެ 55 ވަނަ މިނަޓްގައާއި 59 ވަނަ މިނަޓްގައެވެ. މިދެލަނޑުގައިވެސ ލޫކަސް މޯރާގެ ހުނަރުވަނީ ފެނިގެން ގޮސްފައެވެ.
ޓޮޓޭންހާމްގެ ޗެމްޕިއަންސް ލީގު ފުރަތަމަ ފައިނަލް ޔަޤީންވެގެންދިޔައީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނަޓްގައި ކުރިން ދެލަނޑުވެސް ޖަހައިދިން ލޫކަސް މޯރާ ޖަހައިދިން ލަނޑާއެކުގައެވެ. 96 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑާއެކު ޒުވާން އަޔޭކްސް ޓީމުގެ ރޮއްވާލިއެވެ. ވަރުގަދަ ޓީމުތައް ކަޓުވާލުކަށްފަހު މުބާރާތުގެ އަންޑަ ޑޯގުގެ ގޮތުގައި ފެނިގެންދިޔަ އަޔޭކްސް މިމުބާރާތާއި ވަކިވާންޖެހުނީ ހިތްދަތިގޮތަކަށެވެ. ފަހު ވަގުތުގައި ލޫކަސް މޯރާ ޖެހި ލަނޑާއެކު ޓޮޓޭންހާމްއަށް ކުރި ލިބުނީ އަވޭ ގޯލްއިންނެވެ.
ފޯރިގަދަ މެޗެން ފެނިގެންދިޔަ ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކއް ދެޓީމަށްވެސްވަނީ ލިބިގެން ގޮސްފައެވެ. އަޔޭކްސްގެ ހަމަލާއެއް ޓޮޓޭންހާމްގެ ގޯލް ދަނޑިއާއި އަމާޒުވިއިރު ޓޮޓޭންހާމްގެ ދެހަމަލާއެއް އަޔޭކްސްގެ ގޯލް ދަނޑިއާވަނީ އަމާޒުވެފައެވެ.

މެޑްރިޑްގައި ކުޅެވޭ މިމުބާރާތުގެ ފައިނަލް އަންނަ މަހުގެ 1 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ފެށުމަށް ހަމަޖެހިފައިވާއިރު ބައްދަލުކުރާނީ ލިވަޕޫލް އަދި ޓޮޓޭންހާމްއެވެ.
2008 ވަނަ އަހަރުވެސް އިނގިރޭސި ދެޓީމުވަނީ މިމުބާރާތުގެ ފައިނަލްކުޅެފައެވެ. މޮސްކޯގައި ކުޅެވުނު މިމުބާރާތުގެ ފައިނަލުގައި ޔުނައިޓެޑް އަތުން ޗެލްސީ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.