މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު ހެންދުނު 10:30 އިން 14:30 އަށް ޅ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. އަދި މި ސަރަހައްދުގައި އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 16:30 އާއި ހަމައަށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށްވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ. މި އެލާޓްގައި ބުނެފައިވަނީ މި ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި، ނަމަވެސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ އިތުރުން ބައެއް އެހެން ރަށްރަށަށްވެސް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް މިއަދު ވިއްސާރަ ކުރުމާއެކު ގުގުރާނެކަމަށާއި އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް އާންމު ގޮތެއްގައި ގަދަވާނެކަމަށާއި، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށެވެ. ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ދަންނަވާފައެވެ.




