ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވަނ އިންގްލިޝް ޕްރިމިއާ ލީގު މިވަގުތު ފައްޓަށް ލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ޤަބޫލުނޫންކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ވިލިއަން ބުނެފިއެވ.
އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވިލިއަން ބުނީ، އޭނާއަށް ހީވާގޮތުގައި ޕްރިމިއާ ލީގު މިވަގުތު އަލުން ފައްޓަން ގެންގުޅޭ ޚިޔާލަން ގިނަ ކުޅުންތެރިން ޤަބޫލުނުވާނެއެވެ.
ފުޓްބޯޅަ މިސްވާކަމަށާއި، އަލުން ކުޅެން ކިތަންމެ ބޭނުންވިނަމަވެސް، އެންމެ އިސްކަމެއްދެނީ ސިއްޙަތަށް ކަމަށާއި، ކުޅެން ބޭނުންވަނީ ރައްކާތެރިކަމާއެކު ކަމަށް ވިލިއަން ބުންޏެވެ.
"އެހެންކަމުން ފުޓްބޯޅަ ކުޅުން ރައްކާތެރި ނުވާހާހިދަނކު، ޕްރިމިއާ ލީގު އަލުން ފެއްޓުމަށް ގިނަ ކުޅުންތެރިން ޤަބޫލެއް ނުވާނެ." ވިލިއަން ބުންޏެވެ.
ވިލިއަންގެ އިތުރުން ސާޖިއޯ އަގުއޭރޯއާއި، ރަހީމް ސްޓާލިން އަދި ޑެނީ ރޯސްގެ އިތުރުން ޓްރޯއީ ޑިނޭވެސް ޕްރިމިއާ ލީގު އަލުން ފެއްޓުމަށް ތައްޔާރުވަމުން އަންނާތީވެ، ކަންބޮޑުވުން ފާޅުކޯށްފައިވެއެވެ.
ޕްރިމިއާ ލީގުގެ ގިނަ ޓީމުތައް ޖުމްލަ 29 މެޗު ކުޅެފައިވާއިރު، ބާކީ ދެން އޮތީ 9 މެޗެވެ. ތާވަލްގެ އެއްވަނާގައި އޮތް ލިވަޕޫލް އޮތީ 25 ޕޮއިންޓްގެ ލީޑެއްގައެވެ.
މިއަރުގެ މާރޗްމަހުން ފެށިގެން މެދުކަނޑާލާފައި އިނގިރޭސިވިލާތުގެ ފުޓްބޯޅަ އަންނަ ޖޫން މަހުގެ މެދުތެރޭގައި ފެށުމައް އަންނަނީ ތައްޔާރުވަމުންނެވެ.
ކޮވިޑް-19 ގެ އަސަރު އިންގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ވަރަށް ބޮޑަށް ކޮށްފައިވާއިރު، މިއަދާއި ހަމައަށް އެޤައުމުން 240000 އަށްވުރެ ގިނަ މީހުންވަނީ މިވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި 34000 އަށްވުރެ ގިނަ މީހުން މިވައިރަހުގައި އެޤައުމުން މަރުވެފައިވެއެވެ.




