ލެވެންޑޯސްކީގެ 40 ވަނަ ލަނޑާއެކު ބަޔާން އެއްވަނާގައި ހަމަޖެހިލައިފި

ރޮބާޓް ލެވެންޑޯސްކީ މިސީޒަންގައި ކާމިޔާބުކޮށްދިން 40 ވަނަ ލަނޑާއެކު ބަޔާން މިއުނިކުން ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފިއެވެ.

ޖަރުމަން ބުންޑެސްލީގާގައި ރޭ ޔޫނިއަން ބާލިންއާއި ދެކޮޅަށް ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 0-2 ނަތީޖާއަކުންނެވެ.

ޔޫނިއަން ބާލިންގެ ދަނޑުގައި ކުޅެވުނު  މިމެޗުގެ ކުރީކޮޅު އެކްލަބުންވަނީ ބަޔާން ރަނގަޅު ފައިޓެއްދީފައެވެ. އެގޮތުން މެޗުގައި ފެނިގެންދިޔަ ފުރަތަމަ ނުރައްކާތެރި ހަމަލާވެސް އުފެއްދީ ޔޫނިއަންއިންނެވެ. އޭރިއާތެރެއިން ފޮނުވާލި މިހަމަލާ ދިފާޢުކުރީ ބަޔާންގެ ކީޕަރެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ބަޔާނުން ޖަހާފައިވަނީ ލިބުނު ޕެނަލްޓީއަކުން ލެވެންޑޯސްކީއެވެ. މެޗުގެ 40 މިނަޓްގައި ލެވެންޑޯސްކީ ކާމިޔާބުކޮށްދިން މިލަނޑަކީ އޭނާ މިސީޒަންގައި ބަޔާންއަށް ކާމިޔާބުކޮށްދިން 40 ވަނަ ލަނޑެވެ. ލެވެންޑޯސްކީ 40 ލަނޑު ހަމަކޮށްފައިވަނީ މިސީޒަންގައި ބަޔާންއަށް ކުޅެދިން 34 މެޗުންނެވެ. މިއީ ލެވެންޑޯސްކީ ޖެހިޖެހިގެން 40 ލަނޑު ހަމަކުރި ފަސްވަނަ ސީޒަންއެވެ.

ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 80 ވަނަ މިނަޓްގައި ފެނިގެންގޮސްފައިވާއިރު، މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ ޕަވާޑެވެ. މިމޮޅާއެކު އެންމެފަހުގެ ޗެމްޕިއަން ބަޔާންވަނީ 4 ޕޮއިންޓްގެ ލީޑަކާއެކު ތާވަލްގެ އެއްވަނާގައި ހަމަޖެހިލާފައެވެ. ބަޔާންއަށް 58 ޕޮއިންޓް ލިބިފައިވާއިރު، 54 ޕޮއިންޓާާއެކު ތާވަލްގެ ދެވަނާގައި އޮތީ ޑޯޓުމުންޑެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ޖަރުމަނު ފުޓްބޯޅަ އަލުން ފެއްޓުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ ހަރުކަށި ޤަވާޢިދުތަކާއެކުގައެވެ. ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެން ހުއްދަދީފައިވާއިރު، ބަދަލުކުޅުންތެރިންނާއި އޮފިޝަލުންވެސް ހުންނަންޖެހެނީ ސޯޝަލް ޑިސްޓެސްއާއެކުގައެވެ.

ކޯޗުންނާއި ކުޅުންތެރިންވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށްފަހުވަނީ އެކްލަބުތަކުގެ ހޮޓެލްގައި މިހަފްތާގައި ކަރަންޓީނު ކުރެވިފައެވެ. އަދި ހޮޓެލް ދޫކޮށްދިއުން މަނާކޮށްފައިވާއިރު، މެޗުގެ އިތުރުން ދެވޭނީ ފަރިތަކުރުންތަކުގައި ބައިވެރިވުމަށް އެކަންޏެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ