ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް މޯލްޑިވްސް ނޭޝަަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފް އިން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިދުވަސްވަރަކީ ރާއްޖެއަށް މީސުން ގޯސް ދުވަސްވަރެއް ކަމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ.
މީގެއިތުރުން، މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުމަތީގެ ތަފާތު ހާދިސާތަައް ހިނގަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާކަން ފާހަގަކުރާ ކަމަށާއި އެހެންކަމުން ކަނޑުދަތުރު ކުރައްވާ އުޅަނދުގެ އޮޑިވެރިނާއި، ކެޕްޓަނުން، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމަތު ސާފުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މިރޭ 21:45 ން ދަންވަރު 02:00 އަށް ވަނީ ޔެލޯ އެލާރޓްވެސް ނެރެފައެވެ.
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރާ، ގަދަވަޔާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.




