ތިލަދުންމަތީ ދެކުނުބުރީގެ މެދުގައި އޮންނަ ކުރިނބީއަކީ ބިމުގެ ގޮތުންނާއި، އާބާދީގެ ގޮތުންވެސް ކުޑަ ރަށެކެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އެކުލެވިގެންވަނީ ކޮންމެ ދިވެއްސަކަށްވެސް ހަމަހަމަ ޚިދުމަތް ލިބިދެވޭގޮތަށެވެ. ވަކި ރަށަކަށް ނުވަތަ ވަކި އަތޮޅަކަށް ނިސްބަތްވެގެން ތަފާތުކުރުން ނުގެންގުޅުއްވާނެކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްވެސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ކުރިނބީ ވީމާ މައްސަލައެއް ނެތްކަމަށް ބަލަމާތޯއެވެ!
ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް ރޭގަނޑުގެ ވަގުތުތަކުގައި ފުޓްސަލް ނުވަތަ ވޮލީބޯޅަފަދަ ކުޅިވަރުތައް ރާއްޖޭގެ އެކި ރަށްރަށުގައި ކުޅުމަކީ އާދައެކެވެ. ޚާއްޞަކޮށް ތަރާވީސް ނަމާދަށްފަހު ހާރު ކެއުމާ ދެމެދުގެ ވަގުތުތަކުގައި މިފަދަ ކުޅިވަރު ކުޅުމަކީ ދިވެހި ޒުވާނުންގެ އާދައެއްވެސްމެއެވެ. އެގޮތުގެ މަތިން ހދ.ކުރިނބީ ޒުވާނުންވެސް މިވަގުތަކުގައި ކުޅިވަރު ކުޅުމަކީ ކުރާކަމެކެވެ.
ރަށެއްގެ ޒުވާނުން ކުޅިވަރެއް ކުޅުމަކީ އާކަމެއް ނޫނެވެ. އަދި މާ ޚާއްޞަ ކަމެއްވެސް ނޫނެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޒުވާނުން ފުޓްސަލް ކުޅެން ރަށެއްގެ ބަނދަރު (ފަޅު) ތެރޭގައި އުޅޭ ވާހަކަ މީގެ ކުރިން އަޑެއް ނާހަމެވެ. ނަމަވެސް މިފަހަރު ކަންދިމާކުރިގޮތުން މިތަފާތު މަންޒަރުގެ ވާހަކަ އަޑު އެހުމުގެ ބަދަލުގައި މިފަހަރު ލިބުނީ ހަމަލޮލުން ބަލާލާށެވެ.
ކުރިނބީ ޒުވާނުން ފަޅުތެރޭގައި ފެތި ފެތުމުގެ ހަޤީޤަތަށް ޖެހިލާއިރު ގިނަ ވާހަކަތަކެއް އެބަހުއްޓެވެ. އެ ޒުވާނުން މި ރަމަޟާން މަހު ފުޓްސަލް ކުޅެން ނިންމީ ބަނދަރު ސަރަހައްދުގައެވެ. އެހެންކަމުން ކުޅިވަރުގެ އެންމެ ފޯރި ގަދަވާ ވަގުތު ބޯޅަ ދަނީ ބަނދަރު ތެރެއަށެވެ. ބޯޅަ ބަލައި ވިންޑްސަރފް ބޯޑުގައި ފަލި ޖަހާފައި ރޭގަނޑު ދާންޖެހޭއިރު، އަނެއްބައި ފަހަރު އަރަން ޖެހެނީ ފަޅުގައި އަޅާފައި ހުރި ޑިންގީތަކަށެވެ. މީ ހާލެވެ. މީ ހަޤީޤަތެވެ. މި ތަފާތު މަންޒަރުތައް ރޭގެ ވަގުތެއްގައި ފޭސްބުކްގައި ލައިވްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ކަންކޮޅުތަކުގައި ފުޓްސަލްގެ ފޯރި އިންތިހާއެވެ. ވެރިރަށް މާލޭގައި އެތައް ފުޓްސަލް ދަނޑުތަކެއް އެބަހުއްޓެވެ. އަތޮޅުގެ ގިނަ ރަށްތަކުގައިވެސް ފުޓްސަލް ދަނޑުތައް އެބަހުރިމެއެވެ. ނަމަވެސް ކުރިނބީ ޒުވާނުންނަށް އެ ނަސީބު ލިބިފައެއް ނެތެވެ. ކުރިނބީގައި ވޭތުވެދިޔަ ސަރުކާރުން ފުޓްސަލް ދަނޑެއް އަޅަން ފެށިއެވެ. ސަރުކާރުން ޓާރފް، ފެންސް، ގޯލް ގަފަ ދަތެކި ދިނީމާ ނިންމަން އަމިއްލަ ފަރާތަކާ ހަވާލުކުރި ދަނޑު ނުނިމެނީސް ސަރުކާރު ބަދަލުވެ، ދަނޑުގެ ސާމާނު ނުލިބި ދަނޑުގެ މަސައްކަތް ވަނީ ހުއްޓިފައެވެ.

ދެން ޒުވާނުން ފުޓްސަލް ކުޅެވޭނެ އިތުރު ސަރަހައްދެއްވެސް ނެތީއެވެ. ފުޓްބޯޅަ ދަނޑަކީ ރަށުގެ އަވަށާ އެކަހެރިކޮށް އޮތް ތަނަކަށްވާއިރު، އެތަނަށް ކަރަންޓް ލެވޭނެ ފަދަވެސް ނެތެވެ. ފުޓްސަލް ދަނޑުގައި ކުޅެވޭވަރެއް ނުވެއެވެ. ދެން އޮތީ ބަނދަރަށްވުމުން ޒުވާނުން ފުޓްސަލް ދަނޑެއްގެ ގޮތުގައި ބަނދަރު ސަރަހައްދު ބޭނުންކުރަން ފެށީއެވެ.
ޔޫތް މިނިސްޓަރުގެ އުއްމީދީ ޖަވާބެއް
ކުރިނބީ ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް އާ ހިއްސާ ކުރެވިގެންދިޔައީ ނިމިދިޔަ މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ކެންޑިޑޭޓް އަދި އިންތިޚާބީ މެންބަރު ހުސައިން ޒިޔާދުގެ ކެމެޕޭނުގެ ތެރެއިންނެވެ. މިނިސްޓަރު ކުރިނބީއަށް ކުރެއްވި ޒިޔާރަތުގައި ކުރިނބީ ޒުވާނުންނަށް އުއްމީދީ ޖަވާބުތަކެއް ވަނީ ދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވެފައިވަނީ، މި ރަމަޟާން މަހު ކުރިނބީ ޒުވާނުންނަށް ވޮލީ ކުޅޭނެ އިންތިޒާމްތައް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ވޮލީ ކޯޓުގައި ޖެހުމަށް 4 މާކަރީ ލައިޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ކުރިނބީގެ ކަނބަލުން ނެޓްބޯޅަ ކުޅުމަށް ރަނގަޅު ފެންވަރެއްގެ ނެޓްބޯޅަ ކޯޓެއް އަޅުއްވައިދެއްވާނެ ކަމަށާއި، ކުރީގެ ސަރުކާރުން މަސައަކަތް ފެށި 96 ފޫޓް 76 ފޫޓްގެ ފުޓްސަލް ދަނޑު ކުރިނބީ ޒުވާނުން ބޭނުންވާ ސައިޒަކަށް ބޮޑުކޮށް ނިންމަވައިދެއްވާނެ ކަމަށް ޔޫތް މިނިސްޓަރު ކުރިނބީގައި ވިދާޅުވިއެވެ.

ކުރިނބީ ޒުވާނުންގެ އުއްމީދުތައް ހަޤީޤަތަކަށް ހެއްދެވުމަށްޓަކައި މިނިސްޓަރު މަޙްލޫފު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ބާރު އެޅުއްވުމަށާއި، އެހީތެރިވުމުގެ ގޮތުން ކުރިނބީ ކައުންސިލުން ވަނީ އެކަންކަމުގެ ތަފްސީލާއެކު ޔޫތު މިނިސްޓްރީއަށް އެކަންކަން ލިޔުމުން ހުށަހަޅާފައެވެ. އެކަން ކުރިނބީ ކައުންސިލުން ވަނީ މީސްމީޑިއާ މެދުވެރިކޮށް އާއްމުކޮށް ހާމަކުރައްވާފައިވެސްމެއެވެ.
މާލެއާއި ރާއްޖެތެރެ ތަފާތުކުރުމުގެ އަޑު ގަދަވެފައިވާ މި ދަނޑިވަޅުގައި ކުރިނބީ ޒުވާނުން ފުޓްސަލް ކުޅެން އުފުލާ ތަކުލީފާއި، މާލޭގައި ޒުވާނުން ފުޓްސަލް ކުޅެން އުޅޭ ގޮތާ އަޅާކިޔުމުގެ ބަދަލުގައި ކުރިނބީ ޒުވާނުންނަށް ހައްޤު މިންވަރު ހޯދައިދިނުން މުހިންމެވެ. ދުޅަހެޔޮ ޞިއްޙަތަކަށް ކުޅިވަރުވެސް މުހިންމެވެ. ކުރިނބީ ޒުވާނުންގެ އުއްމީދުތައް ފަނޑުވެގެން ނުދާއިރު، އެ ޒުވާނުން އުފުލަމުންދާ ތަކްލީފިތަކުން ދުރުކޮށް، މިކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަކީ އެ ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެކެވެ.
								
											


														
														
														
														
														
														
								
ހިޔާލު
Dhen nunimi thioh futsal dhandu nolhaa saafu kohgen ethaa kulhebala dhw… Noony volley court sarahadhahuga kulhebala… 5 aharu vee heyo verikamugaii konme kameh fashaafa baavvan jeheytha.. Ehaa heyo fulhiyyaa dhandu nimmaane dhw… ?