މާޒީގައި ހިފައިގެން މުސްތަޤްބަލެއް ނުފެންނާނެ!

މާޒީއަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އެތައް ހަނދާނަކާއި އެތައް ތަޖުރިބާތަކެއް އެކުލެވޭ ކަންތައްތަކެކެވެ. އުފާވެރި އަދި ހިތި ތަޖުރިބާއެވެ. ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހިތި ތަޖުރިބާ ތަކާއި ހަނދާންތައް ފަހަތަށް ދޫކޮށްނުލެވުމެވެ. ނަމަވެސް މިފަދަ މާޒީގެ ހިތި ހަނދާންތަކުގައި ހިފައިގެން ދާންވެއްޖެނަމަ މުސްތަގުބަލެއް ނުފެންނާނެއެވެ.

ތިމާއަށް ލިބޭ ހިތާމަތަކާއި އެފަދަ ތަޖުރިބާތަކުގެ ހިޔަނި ތިމާގެ މުސްތަގުބަލަށް އެޅުނަދީގެން ނުވާނެއެވެ. އެފަދަ ކަންތައް ތަކަކީ ވަކި ހިސާބަކުން ދޫކޮށްލަން ޖެހޭނެ ކަންތައްތަކެވެ. ފާއިތުވެފައިވާ ދުވަސްތަކެއްގައި ކުރެވުނު ކަމަކުން ނުވަތަ މީހެއްގެ ފަރާތުން ލިބުނު ދެރަޔަކުން ތިމާގެ މުސްތަގުބަލް ހަލާކުގެތެރެއަށް ދޫކޮށްނުލާށެވެ.

މާޒީއަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އޭގެން އަތްދޫކޮށްލަން ވަރަށް އުނދަގޫ ކަމަކަށް އޮންނަނީ ވެފައެވެ. ނަމަވެސް ވިސްނާލުމުންވެސް ނުވަތަ ފެންނަ މަންޒަރުތަކުންވެސް އެނގެނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދާ ގިނަ މީހުންނަކީ މާޒީއިން އިބުރަތް ހާސިލްކޮށް އަދި އެ މާޒީ ފަހަތަށް ދޫކޮށްލުމަށްފަހު މުސްތަގުބަލާގެން ކުރިއަށްދާ މީހުންކަމެވެ.

މާޒީގެ ހިތި ހަނދާންތަކާއި ދުރަށް ދިއުމަށް އެންމެ ފަސޭހަވާނީ ރަނގަޅުގޮތުގައި މާޒީގައި ހިނގާފައިވާ ހުރިހާކަމެއް ގަބޫލުކުރުމެވެ. އަދި އަމިއްލަ ތަޖުރިބާގެ އަލީގައި މާޒީގައި ކުރެވުނު ކުށެއް ދެވަނަ ފަހަރަށް ތިމާގެ މުސްތަގްބަލުގައި ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައެޅުމެވެ. މާޒީގައި ގޮސްފައިވާ އުފާވެރި ދުވަސްތައް އެކަނި ހަނދާންކުރުމެވެ. ހިތި މާޒީދޫކޮށް މުސްތަގުބަލައިގެން ކުރިއަށްދާއިރު ތިމާއަށް ހެޔޮއެދޭ އެކުވެރިންނާއި ގުޅުން ބަދަހިކުރުމަކީވެސް ރަނގަޅުކަމެކެވެ.

ހިތިމާޒީތަކުގައި ހިފައިގެން އުޅެންވެއްޖެނަމަ އަމާން މުސްތަޤްބަލެއް ނުފެންނާނެއެވެ. އެހެންކަމުން އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް ބިނާކޮށް ކުރިއަށްދާން ބޭނުންނަމަ ހިތި މާޒީއިން އަތް ދޫކޮށްލާށެވެ.

މިލިޔުން ކިޔާލުމުން
6134141
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ