ހއ އަތޮޅުން ވ އަތޮޅަށް 45 މޭލަށް ވައިގަދަވެ މޫސުން ގޯސްވާނެ : މެޓް އޮފީސް

ހއ އަތޮޅުން ވ އަތޮޅަށް 45 މޭލަށް ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ ހއ އަތޮޅުން ވ އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަ ވާނެކަމަށް ލަފާކޮށްފައިވެއެވެ. މޯލްޑިވްސް މީޓްރޮލޮޖިކަލް ސަރވިސް އިން ވައިޓް އެލާޓު ނެރެފައިވަނީ މިއަދު 14:30 އިން ފެށިގެން މިރޭ 20:30 އާއި ދެމެދަށެވެ.

ރާއްޖޭގެ މޫސުން ކުރިޔަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާ 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ