ރެއަލްމެޑްރިޑްގެ އިތުރުން ޕީއެސްޖީވެސް ހާލަންޑު ހޯދަނީ!

ސްޕެއިންގެ ރެއަލްމެޑްރިޑްގެ އިތުރުން ފްރާންސްގެ ޕީއެސްޖީވެސް ޑޯޓުމުންޑަން ކުޅެނުން އަންނަ ޒުވާން ފޯވާޑު އާޅިން ހާލަންޑު ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން ނޯވޭގެ ޒުވާން ހާލަންޑު ހޯދުމުގެ މަސައްކަތް ޕީއެސްޖީއިން ފަށާފައިމިވަނީ އެކްލަބަށް މިހާރު ކުޅެމުން އަންނަ ކީލިއަން އެމްބާޕޭގެ މުސްތަޤުބަލާމެދު ވަކިއެއްޗެއް ނޭނގޭތީއެވެ. އެމްބާޕޭ ހޯދުމަށް ސްޕެއިންގެ ރެއަލްމެޑްރިޑުން މަސައްކަތްކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

ޕީއެސްޖީއަށް ކުޅެމުން އަންނަ ގިނަ ތަރިންތަކެއް އެކްލަބު ދޫކޮށްލަފާނެކަމުގެ ބިރު މިވަގުތުވަނީ ހީވެފައެވެ. އެގޮތުން އެމްބާޕޭއާއި ރެއަލްމެޑްރިޑާއި ގުޅުވައިގެން ވާހަކަތައް ދެކެވޭއިރު، ނޭމާ ހޯދުމަށް ބާސެލޯނާއިން ކުރަމުން އަންނަ މަސައްކަތަށް ނިމުމެއްނާދެއެވެ. އަނެއްކޮޅުން ކަވާނީވެސް ސްޕެއިންގެ އެތުލެޓިކޯއަށް ބަދަލުވާން އުޅޭކަމުގެ ވާހަކަތައްވަނީ ފެތުރިފައެވެ. ލޯނު ޢުޞޫލުން އިކާޑީ މިހާރުވެސް ހުރީ އިންޓަރ މިލާންގައެވެ. އެހެންކަމުން މިދަނޑިވަޅުގައި ޒުވާން އާ ކުޅުންތެރިން ހޯދުމަކީ ޕީއެސްޖީއަށް ކޮންމެހެންވެސް ކުރަންޖެހިފައި އޮތްކަމެކެވެ.

ދެން އުފެދޭ ސުވާލަކީ ޖަރުމަނުގެ ޑޯޓުމުންޑުން ހާލަންޑު އެހާ އަވަހަށް ދޫކޮށްލާނެކަމާމެދުއެވެ. މިއަހަރުގެ ޖެނުއަރީމަހު ޑޯޓުމުންޑާއި ގުޅުނު ހާލަންޑު މިދިޔަ މަދުދުވަސްތަކުގައިވަނީ އޭނާގެ ހުނަރު އެކްލަބުގައި ދައްކާލާފައެވެ. ހާލަންޑް މިސީޒަންގައި މިހާތަނަށް 37 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އޭނާވަނީ ބުންޑެސްލީގާގައި ކުޅުނު ފުރަތަމަ 9 މެޗުން ޖުމްލަ 10 ކާމިޔާބުކޮށްފައެވެ.

ޑޯޓުމުންޑަށް ބަދަލުވި ފަހުން މިހާތަނަށް އެކްލަބަށް ހާލަންޑު ކުޅެދިން 12 މެޗުން 13 ލަނޑު އޭނާ ކާމިޔާބުކޮށްފައިވެއެވެ. ޖަރުމަނަށް ބަދަލުވުމުގެ ކުރިންވެސް ލަނޑު ޖެހުގެ ހުނަރުން އެތަށް ބަޔަކު ހައިރާންކޮށްލި ހާލަންޑްވަނީ ކުރީގެ ކްލަބު ސަލްޒްބާގަށް 14 މެޗުން 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ