ވީޑިއޯ ކޯލް މެދުވެރިކޮށް ސިންގަޕޫރުގައި މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.
މިގޮތުން މަރުގެ ހުކުމް އިއްވައިފައިވަނީ އުމުރުން 37 އަހަރުގެ ޕުނިތާން ގެނާސަން ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. މިމީހާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފައިވަނީ 2011 ވަނަ އަހަރު ހިނގި މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައެއްގައެވެ.
މިއީ ސިންގަޕޫރުގެ ހަޔާތުގައިވެސް މިފަދަ ހުކުމެއް ވީޑިއޯ ކޯލް މެދުވެރިކޮށް ނެރުނު ފުރަތަމަ ފަހަރެވެ. މިހުކުމް ވީޑިއޯ ކޯލް މެދުވެރިކޮށް ނެރެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސިންގަޕޫރު ފުރަބަންދުކޮށްފައި ވުމާއެކު ކޯޓުތަކުގެ މަސައްކަތްތައްވެސް ވަގުތީގޮތުން މެދުކަނޑާލައިފައި ވަނިކޮށެވެ.
މިގޮތުން ކޮވިޑް-19 އާއި ގުޅިގެން ކޯޓުތަކުގެ އަޑުއެހުންތައްވަނީ ޖޫންމަހުގެ އެއްވަނަ ދުވަހާއި ހަމައަށް ވަގުތީގޮތުން މެދުކަނޑާލައިފައެވެ.
ސިންގަޕާރަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ވަރަށް ހަރުކަށި ގަވާއިދުތައް ހަދައިފައިވާ ގައުމެކެވެ. މިގޮތުން 2013 ވަނަ އަހަރުގެ ތެރޭގައިވެސް 11 މީހަކަށްވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ގުޅިގެން މަރުގެ ހުކުމް އިއްވައިފައެވެ.