ކުރީގެ ރައީސް ޢަބްދުﷲ ޔާމީން - ފޮޓޯ: ރައީސް އޮފީސް

އިޤްތިސާދު ކޮޅަށް ޖަހާ ޤައުމު އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން - އިދިކޮޅު

ދިވެހި ރާއްޖޭގެ އިޤްތިސާދު ކޮޅަށް ޖަހާ ޤައުމު އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމުގައި ގުޅިފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އެކޯލިޝަނުން މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނަށް 61 އަހަރު ފުރުނު އުފަންދުވަހާއި ގުޅިގެން ނެރެފައިވާ ބަޔާނެއްގައެވެ. މި ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ 61 ވަނަ އުފަން ދުވަސް ފާހަގަ ކުރައްވަމުން ގެންދަވާއިރު، މިއަދު މުޅި ޤައުމުވެސް އެދި ގޮވަނީ އެމަނިކުފާނުގެ ޚިދުމަތަށްކަމަށެވެ. އަދި ދިވެހި ޤައުމު ވެއްޓިފައިމިވާ އަނދަވަޅުން ސަލާމަތްކޮށް، ފުނޑިފައިވާ ޤައުމުގެ އިޤްތިސާދު ކޮޅަށް ޖަހާ ޤައުމު އާރާސްތު ކުރެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނުކަމަށް ދިވެހި ރައްޔިތުން ޤަބޫލު ކުރައްވާކަމުގައި އެބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ކޯލިޝަންގެ މި ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރައީސް ޔާމިނަށް ލިބެމުންދާ ނުޙައްޤު އަނިޔާތަކުން އެމަނިކުފާނު މިންޖުކޮށް ޤައުމުގެ ހުންގާނު އެމަނިކުފާނާއި ޙަވާލުކުރުމަށް ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގޮވާލަމުން ގެންދާކަމަށެވެ. އަދި ދިވެހިރައްޔިތުންގެ އެދުމާއި އެއްގޮތަށް ރައީސް ޔާމީނަށް ލިބެމުންދާ ނުޙައްޤު އަނިޔާތަކުން ސަލާމަތްކޮށް ޤައުމުގެ ހުންގާނު އެމަނިކުފާނާއި ޙަވާލު ކުރުމަށްޓަކައި އެކޯލިޝަނުން ކުރަމުން ގެންދާ މަސައްކަތް އިތުރަށް ވަރުގަދަކޮށް ފައިވާކަމަށް ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހައިކޯޓުގައި އިސްތިޢުނާފްކުރައްވާފައިވާ ރައީސް ޔާމީންގެ މައްސަލަ އަވަސް ކުރެއްވުމަށާއި، އެމަނިކުފާނަށް ނުޙައްޤުން ދެމުން ގެންދާ އަނިޔާތައް ނިމުމަކަށް ގެނެސް، ގެއަށް ބަދަލުކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އެކޯލިޝަނުން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ގިނިކަންޏާ އޮންނެވިނަމަވެސް ދިވެހި އެންމެހާ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ޤައުމު އިސްކޮށް، ޤައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކެތްތެރިކަމާއި ސާބިތުކަމާއެކު، ގުޅިގެން މަސައްކަތް ކުރެއްވުމަށެވެ. އަދި ކޮންމެ ރައްޔިތަކުވެސް އެންމެ ފުރަތަމަ އިސްކުރާންވީ ޤައުމުކަމުގައި އެމަނިކުފާނު ވިދާޅުވާކަމުގައި އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ