ހުކުރަށް ދިޔަ އެންމެންނަށް މާސްކުބަހައި ދަނގެތީ ކަނބަލުން ނަމޫނާ ދައްކައިފި އެވެ.
އާންމު ހާލަތަށް ގެނަސްފައިވާ ރަށްތަަކުގައި މިއަދު ހުކުރު ނަމާދުން ފެށިގެން ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަ ސަރުކާރުން ދިނުމާއިއެކު އިސްލާމް މިނިސްޓްރީން ވަނީ މިސްކިތަށް ދިއުމުގައި އަމަލުކުރަން ޖެހީ އުސޫލުތަކެއްވެސް އާންމުކޮށްފައެވެ.
އެގޮތުން މިސްކިތަށް ދާއިރު ގެއިން ވުޟޫ ކޮށްގެން ދިއުމަށާއި މުސައްލައެއް ހިފައިގެން ދިއުމަށާއި މާސްކު އަޅައިގެން ދިއުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެހެންނަމަވެސް މާސްކު ހޯދުމުގައި ބައެއް ފަރާތްތަކަށްވަނީ ދަތިތަކާއި ކުރިމަތިލާންވެސް ޖެހިފައެވެ. ބައެއް ފަރާތްތަކުން ސާރޖިކަލް މާސްކު ބޭނުން ކުރިއިރު އަނެއް ބަޔަކު ދިޔައީ އަމިއްލައަށް ފަހާފައި ހުރި ފޮތި މާސްކު އަޅައިގެންނެވެ.
މިއާއިއެކު އދ. ދަނގެތީ އަންހެން ކަނބަލުން މިވަނީ ނަމޫނާއެއް ދައްކާފައެެވެ. ދަނގެތީ ކަނބަލުން ވަނީ އެރަށުގައި ހުކުރަށް ދިޔަ ކުދި ބޮޑު އެންމެނަށް އަމިއްލަ އަތުން ތައްޔާރު ކޮށްފައިވާ ގިނަ ފަހަރު ބޭނުންކުރެވޭ މާސްކު ހަދިޔާ ކޮށްފައެވެ. އެކަނބަލުން ވަނީ މިސްކިތް ކައިރީ މޭޒު ބަހައްޓައިގެން ހުކުރަށް ފިރިހެނުން ދިޔަ ވަގުތު މާސްކު ބަހާފައެވެ.
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ، ޞިއްހީ މާހިރުންގެ ލަފަޔާއި އިރުސާދުތަކަށް އިހުތިރާމްކޮށްގެންނެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގަ އެވެ.
"ޞިއްހީ މާހިރުން އިރުސާރު ދެއްވާފައިވޭ މިސްކިތަށް ވަޑައިގަންނަވާއިރު ގެއިން ވުޟޫކޮށްގެން އައުމާއި، އުމުރުން ދުވަސްވީ މީހުން މިސްކިތަށް ނައުމަށާއި، ރޯގާޖެހި ކިނބިހި އަޅާ މީހަކުނަމަ މިސްކިތަށް ނައުމާއި، މިސްކިތުގައި މާގިނަ ވަގުތު ހޭދަނުކުރުމާއި، ކޮންމެ ބޭފުޅަކުވެސް މިސްކިތަށް ވަޑައިގަންނަވާއިރު މުޞައްލަ ހިފައިގެން މިސްކިތަށް ވަޑައިގެންނެވުމާއި، މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުމުގެ އިތުރުން މިސްކިތަށް ވަޑައިގަންނަވާއިރު މާސްކް ބޭނުންކުރެއްވުން." އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު ވިދާޅުވިއެވެ.



