ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެ އިތުރު ކުޅުންތެރިއަކު ނެތްކަމަށް ޕޯޗުގަލްގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ ބާނާޑޯ ސިލްވާ ބުނެފިއެވެ.
ރޮނާލްޑޯ ނެތްތައް ފޫބެއްދުމަށް ޕޯޗުގަލްއިން އެފަދަ މޮޅު ޒުވާން ކުޅުންތެރިއަކަށް ބޭނުންވެފައިވާއިރު، ބައެއް މީހުންގެ ނަޒަރުގައި ސިލްވާއަކީވެސް ރޮނާލްޑޯ ނެތްތަން ފޫބެއްދޭނެފަދަ މޮޅު ހުނަރުތަކެއް ލިބިގެންވާ ކުޅުންތެރިއެކެވެ.
އެހެންނަމަވެސް ސްޕެއިންގެ ނޫހަކަށް ދިން އިންޓަރވިއުއެއްގައި ސިލްވާ ބުނީ ރޮނާލްޑޯ ނެތްތައް ފޫބެއްދޭނެ އިތުރު ކުޅުންތެރިއަކު ނެތްކަމަށެވެ.
"ރޮނާލްޑޯ ނެތްތައް ފޫބެއްދުމަކީ ވާނޭކަމެއް ނޫން. އެކަން ކުރެވޭނެ އެހެން ކުޅުންތެރިއަކު ނެތް." ސިލްވާ ބުންޏެވެ.
އެހެންނަމަވެސް ލިބިފައިވާ ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކުރާނެކަމަށާއި، ދެއްކޭ އެންމެ މޮޅު ކުޅުމެއްދައްކައި ޕޯޗުގަލްގެ އިތުރުން ކްލަބުގައިވެސް ގިނަ ކާމިޔާބީ ހޯދޭތޯ މަސައްކަތް ކުރާނެކަމަށްވެސް އޭނާ ބުންޏެވެ.
ފަސް ފަހަރު ބެލޮންޑީއޯ ކާމިޔާބުކޮށްފައިވާ ރޮނާލްޑޯގެ އުމުރަކީ މިހާރު 35 އަހަރެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިންގެ ލިސްޓްގައި ހިމެނޭ ރޮނާލްޑޯ ކެރިއަރުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، ޕޯޗުގަލްއާއެކު ރޫރޯގެ އިތުރުން ޔޫއެފާ ނޭޝަންސް ލީގުވެސް ކާމިޔާބުކޮށްފައިވެއެވެ. އިޓަލީގެ ޔުވެންޓަސްއަށް މިހާރު ކުޅެމުން އަންނަ ރޮނާލްޑޯވަނީ އެކްލަބަށް ކުޅުނު 164 މެޗުން 99 ލަނޑު ކާމިޔާބުކޮށްފައެވެ.




