ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ބާރު ގަދަވެ، ދެކުނުގެ އަތޮޅުތަކަށް މޫސުން އިތުަރށް ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ހައްދުންމަތިން ފެށިގެން ފުވައްމުލަކާ ދެމެދުގެ ސަރަހައްދަށެވެ.
މިރޭ މެންދަމުންއަލިވެ 03:30 އިން މާދަމާ ހެނދުނު 07:00 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
Yellow Alert for torrential rain and rough seas. pic.twitter.com/vXWe1DdnnK
— Maldives Meteorology (@MetMaldives) May 22, 2020
ދެކުނުގެ ބައެއް އަތޮޅުތަކަށް ޔެލޯ އެލާޓް ނެރުނުއިރު، މިރޭ ދަންވަރު 02:00 އިން މާދަމާ ހެނދުނު 06:00 ގެ ނިޔަލަށް ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވަނީ ވައިޓް އެލާޓްވެސް ނެރެފައެވެ. އެސަރަހައްދަށް ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
Heavy rain, thunderstorms and gust winds expected. pic.twitter.com/X7O0pxgwju
— Maldives Meteorology (@MetMaldives) May 22, 2020
ކުރިއަށް އޮތް ވަގުތުތަކަށް ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
"ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތަށް ގަދަ ވާނެ ކަމަށާއި،ނދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަކީ އެދެވިގެންވާ ކަމެއް." މެޓް އޮފީހުން ވިދާޅުވިއެވެ.




