ޔާމީން ވަގުތުން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ޖާބިރު މަޖިލީހަށް ހުށައަޅައިފި

5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަގުތުން މިނިވަން ކުރުމަށް ގޮވާލައި، ޑީއާރުޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު މަޖިލީހަށް ގަރާރެއް ހުށައަޅުއްވައިފިއެވެ.

ޖާބިރު ހުށައެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި، ދިވެހި ރާއްޖެއަށް މިބަލިމަޑުކަން އައިސް މުޅިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިޤްތިސާދު ހީނަރުވެ ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސް ސޯލިހް ބައްދަލްކުރައްވާ އެމަނިކުފާނުގެ ފަރާތުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގޮވާލައިފައެވެ.

އެގޮތުން ރައީސް ޔާމީންގެ ފަރާތްޕުޅުން ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ޓަކައި މަޝްވަރާކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްޤުގައި ކޮއްމެހެންކުރަންޖެހިފައިވާ ކަމެއްކަމުގައި ޖާބިރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުގައި ހާއްސަކޮށް ޗައިނާއާއި ސައުދީ އަރަބިއްޔާއާއި ވަރަށް ޤާތް ގުޅުމެއް އޮތްކަމަށާއި، އެހެން ކަމުން މިދެޤައުމުގެ އެހީތެރިކަން މިހާރަށްވުރެ ބޮޑަށް ދިވެހިރާއްޖެ މިހާލަތުން އަރައިގަތުމަށް ހޯއްދަވައި ދެއްވޭނެކަން ޔަގީން ކުރެވޭ ކަމުގައިވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް ޔާމީން އަށް ކުރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަނީ ލޯކްޑަރިންގެ ކުއް ސާބުތުވުމާއި ގުޅިގެން ނެވެ.

ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ގޮވާލަމުން ދަނިކޮށް، ދާދި ފަހުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރައީސް ޔާމީންއަށް ތަޢުރީފު ކުރައްވާ އަދި އެމަނިކުފާނަށް ނުހައްޤުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވެ ކޮށްފައިވާ ޓްވީޓްތަކެއް ރި ޓްވީޓް ކުރައްވާފައި ވަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ