ބްރެޒިލްގެ ތަރި ނޭމާއަށް ކޯޗުކޮށްދޭން ބޭނުންވާކަން ބާސެލޯނާގެ މިހާރުގެ ކޯޗު ކީކޭ ސެޓިއެން ހާމަކޮށްފިއެވެ.
ބީންސްޕޯރޓްސްއަށް ދިން އިންޓަރވިއުއެއްގައި ވާހަކަދައްކަމުން ކީކޭ ބުނީ، ނޭމާއަކީ މޮޅުކުޅުންތެރިންގެ ލިސްޓްގައި ހިމެނޭ ކުޅުންތެރިއެއްކަމަށާއި، ކޮންމެވެސް ދުވަހަކުން ނޭމާއަށް ކޯޗުކޮށްދޭން ބޭނުންވާކަމަށެވެ.
އަދި މެސީއަށް ކޯޗުކޮށްދޭން ލިބުނު ފުރުޞަތާއެކު އޭނާ ދެކެމުން ހުވަފެން ސީދާވެއްޖެކަމަށާއި، ނޭމާ ބާސެލޯނާއި ގުޅިއްޖެނަމަ އެއީ ލިބޭނެ ފަޚުރެއްކަމށްވެސް ކީކޭ ބުންޏެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ނޭމާ ހޯދުމަށް ބާސެލޯނާއިން ކުރި ހުރިހާ މަސައްކަތެއް ފެނަށްދިޔައީ ބާސެލޯނާގެ އެއްވެސް ހުށަހެޅުމަކަށް ޕީއެސްޖީއިން އެއްބަސްވެފައިނުވުމުންނެވެ. އެހެންނަމަވެސް ނޭމާއަކީ އަބަދުވެސް ބާސެލޯނާގެ އޮޕްޝަނެއްކަމަށް އެކްލަބުންވަނީ ހާމަކޮށްފައެވެ.
ކީކޭ ބާސެލޯނާގެ ކޯޗުކަމާއި ހަވާލުވީ މިއަހަރުގެ ޖެނުއަރީމަހުއެވެ. ކުރިން ރެއަލް ބެޓިސްއަށް ކޯޗުކޮށްދިން ކީކޭއަކީ ބާސެލޯނާގެ ކުޅުން ދަންނަ އެކުޅުމާއި ވަރަށް ރައްޓެހި ކޯޗެކެވެ. ކީކޭއާއި ބާސެލޯނާއާއި ވެވުނު އެއްބަސްވުމުގެ ދަށުން އޭނާ އެކްލަބުގެ ކޯޗު ކަމުގައި 30 ޖޫން 2022 އާއި ހައަށް ދެމިހުންނާއެވެ.
ކީކޭގެ ކޯޗިން ކެރިއަރ ފަށާފައިވަނީ 2001 ވަނަ އަހަރު ރޭސިން ސަންޓަންޑާއިންނެވެ. އެއަށްފަހު ލަލީގާ 2 ގެ ގިނަ ކްލަބްތަކަކަށް ކޯޗުކޮށްދިން ކީކޭވަނީ ރެއަލްބެޓިސްއާއި ގުޅުމަށްފަހު ލަލީގާގެ ތަޖުރިބާވެސް ކޮށްފައެވެ. 2017 ޖުލައިގައި ރެއަލް ބެޓިސްއާއި ގުޅުނު ކީކޭވަނީ 2019 ޖޫންއާއި ހަމައަށް އެކްލަބަށް އިރުޝާދު ދީފައެވެ.



