ލަލީގާ ޖޫން 8 ގައި ފައްޓަން ހުއްދަ ދީފި

ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ޖޫން 8 ގައި ފެއްޓުމުގެ ހުއްދަ އެޤައުމުގެ ސަރުކާރުން ދީފިއެވެ.

ލަލީގާ ފެއްޓުމުގެ ހުއްދަ އެޤައުމުގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒްދީފައިވަނީ ދާދި ދެންމެގެ ވަގުތެއްގައެވެ.

ލަލީގާއިން އެލީގުގައި ކުޅޭ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން މީގެކުރިންވަނީ ނިންމާފައެވެ. ލަލީގާއިން ކުޅުންތެރިންގެ ތިން ޓެސްޓެއް ހެދުމަށް ނިންމާފައިވާއިރު، ފުރަތަމަ ހަދާނީ ޕީސީއާރު ޓެސްޓެކެވެ. އަދި އެއަށްފަހު ފަރިތަކުރުންތައް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިންގެ އެންޓިބޮޑީ ޓެސްޓެއްވެސް ހެދުމަށް ލަލީގާއިން ނިންމާފައިވާއިރު، ލީގު އަލުން ފެއްޓުމުގެ ކުރިން ތިންވަނަ ޓެސްޓެއްވެސް ހަދަންވަނީ ނިންމާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ލަލީގާގެ ކުޅުން މެދުކަނޑާލާފައިވަނީ މިދިޔަ މާރޗް މަހުން ފެށިގެންނެވެ. ކޮންމެ ޓީމަކުންވެސް މިހާތަނަށް 27 މެޗު ކުޅެފައިވާއިރު ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށްވެސް 11 މެޗެވެ. 58 ޕޮއިންޓާއެކު އެއްވަނާގައި އޮއީ ބާސެލޯނާއެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 56 ޕޮއިންޓާއެކުގައެވެ.

މިދެޓީމުގެ ފަރަގުގެ ގޮތުން އެންމެ ދެ ޕޮއިންޓް އޮތްއިރު، ކުރިއަށްއޮތް11 މެޗަކީ ވަރަށްވެސް ފޯރިގަދަވާނެ މެޗުތަކެއްކަމަށް ލަފާކުރެވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކަމުގެ އަސަރު މުޅިދުނިޔެއަށް ކޮށްފައިވާއިރު، މިދިޔަ މާރޗް މަހުން ފެށިގެން ޤައުމުތަކުގެ ފުޓްބޯޅަ ސީޒަންތައްވެސްވަނީ މެދު ކެނޑިފައެވެ. މިވައިރަހުގެ ސަބަބުން 2019-20 ފުޓްބޯޅަ ސީޒަންއަށްއަށް ވަރަށް ބޮޑު އަސަރެއްވަނީ ކޮށްފައެވެ. އެގޮތުން ފްރާންސްއާއި ނެދަލެންޑުން އެޤައުމުތަކުގެ ލީގުތައްވަނީ ކެންސަލްކޮށްފައެވެ.

އެހެންނަމަވެސް ޖަރުމަނުންވަނީ މެދުކަނޑާލާފައިވާ ބުންޑެސްލީގާ ހަރުކަށި ޤަވާއިދުތަކާއެކު، މިދިޔަ ހަފްތާގައި ފައްޓާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ