ހދ.ކުރިނބީ - ފޮޓޯ: އަޙްމަދު އަފްސަލް

ފުލުހަކު ކުރިނބީގެ މަސްލަހަތު ނަގާލި މައްސަލައެއް ހޫނުވެއްޖެ

ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު އާއިލާ ކައިރިއަށް އެއަތޮޅު ކުރިނބީއަށް ފޮނުވުމުން، ކޮވިޑް-19 އާއި ގުޅިގެން އެރަށުގެ ކައުންސިލުން ޢަމަލުކުރަމުންދާ އުޞޫލުތަކަށް ގޮންޖަހައި ރަށުގެ މަސްލަހަތު ނަގާލަން މަސައްކަތްކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

ކުރިނބީ ކައުންސިލުން ވިދާޅުވީ، ހޫނުވެފައިވަނީ ފުލުހުންގެ ބޭނުމަކު ކުރިނބީގައި ބަހައްޓާފައި ދިޔަ ފުލުހަކު ރަށު ކައުންސިލުން އެކުލަވާލާފައިވާ އުޞޫލުތަކަކީ ޤާނޫނާ ހިލާފަށް އެކުލަވާލައި، އަމަލުކުރަމުންދާ އުޞޫލުތަކެއް ކަމަށް ބުނެ ރަށުގެ ރައްޔިތުން ކައުންސިލްގެ ބަސް ނޭހުމަށް ހިތްވަރުދީ މީސްމީޑިއާގައި ދެއްކި ވާހަކަތަކެއްގެ މައްސަލަ ކަމަށެވެ.

ކުރިނބީ ކައުންސިލުން މިރޭ ފޭސްބުކްގައި ޖެހި ޕޯސްޓެއް - ފޮޓޯ: ސްކްރީންޝޮޓް

މިކަމާ ގުޅިގެން މި ނޫޙުން ސުވާލުކުރުމުން މިރޭ ފުލުހުން ވިދާޅުވީ، ފުލުހުންގެ ރަސްމީ މަސައްކަތެއް ކުރުމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކުރިނބީގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، އެކަން ކުރިނބީ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްޕީއޭގެ އެންގުމުގައިވާގޮތުގައި އިސްތިސްނާވާ ފަރާތްތަކުގެ ތެރޭގައި ފުލުހުން ހިމެނޭ ކަމަށެވެ.

ފުލުހުން މިހެން ބުނެފައިވާއިރު، އެ ފުލުސްމީހާ ރަށުގައި ހަރަކާތްތެރިވުމަށް ކުރިނބީ ކައުންސިލުން ހުރަސް އަޅާފައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހުން ކުރިނބީގައި ބަހައްޓާފައިވާ ފުލުސް މީހާ ވަނީ ކުރިނބީ ކައުންސިލުން ޢަމަލުކުރާ އުޞޫލަކީ ޤާނޫނޫ ބާރުނެތް އުޞޫލެއް ކަމަށް ބުނެ ކައުންސިލާ ދެކޮޅަށް ފޭސްބުކްގައި ވާހަކަދައްކާފައެވެ.

މިކަމާ ގުޅިގެން ކުރިނބީގެ ބައެއް ފަރާތްތަކުން ވަނީ ފުލުހަކު މިފަދަ މޭރުމަކުން ވާހަކަދައްކައި، ރަށެއްގެ މަސްލަހަތު ނަގާލަން މަސައްކަތް ކޮށްފައިވާތީ، ކަންބޮޑުވުން ފާޅުކޮށް ހިތްހަމަނުޖެހުންވެސް ފާޅުކޮށްފައެވެ. އަދި މިކަމުގެ ޝަކުވާތައް ކުރިނބީ ކައުންސިލަށްވެސް ހުށަހެޅިފައިވެއެވެ.

މިކަމާ ގުޅިގެން ކުރިނބީ ކައުންސިލުން ދާދި ދެންމެ ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ފުލުހުން ބަލަމުންގެންދާ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ބައެއް އިޖުރާއަތްތައް ފުރިހަމަ ކުރުމަށް މިއަދުގެ ވަގުތެއްގައި އެރަށަށް އައިސްހުރި ފުލުހަކު، ކޯވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާސް ހިނގާ ސަރަހައްދުތަކުގައި ކޯވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި، ހާލަތައް ރިއާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި، އިޖުތިމާއީ ގައިދުރުކަން ޤާއިމްކުރުމަށް ފިޔަވަޅު އެޅުމަށް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިން ކައުންސިލްތަކަށް ދޫކޮށްފައިވާ ބާރުގެ ދަށުން އެ ކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަކީ ޤާނޫނީ ހައިސިއްޔަތެއް ނެތި ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ފުލުހަކު ބުނެފައިވާ ކަމަށެވެ.

"އެ ފިޔަވަޅުތަކަށް އަމަލު ކުރުމަކީ އަމިއްލަ އިޙްތިޔާރީ ކަމެއްކަމަށާއި އަދި އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެގެން ކައުންސިލަށް ކުރެވޭނެ ކަމެއް ނެތްކަން ދޭހަވާ އުސޫލުން އާންމު ރައްޔިތުންގެ މެދުގައި އަދި މީސްމީޑިޔާގައި އަޑު އުފުލާފައިވާތީ، މިކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން މިރަށު ރައްޔިތުންގެ މެދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް ހުރަހަކަށްވެ އާންމު މަސްލަހަތު ގެއްލިފައިވާތީ އާންމު މަސްލަހަތު ދަމަހައްޓާ ނެގެހެއްޓުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ބަޔަކަށް ފުލުހުންވެފައި، ފުލުހެއްގެ ފަރާތުން ރަށުގެ އާންމު މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުއްވެރި ކުރަން." ކުރިނބީ ކައުންސިލްގެ ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޤާނޫނީ އިމުގެ ތެރެއިން ކުރިނބީ ކައުންސިލުން އެކުލަވާލި އުޞޫލަށް ގޮންޖަހައި ފުލުހަކު ދެއްކި ވާހަކައިގެ ސްކްރީންޝޮޓެއް

ކުރިނބީ ކައުންސިލްގެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، މި މައްސަލަ ބައްލަވައިދެއްވުމަށް ޕޮލިސް ސަރވިސްއަށް ހުށަހަޅާފައިވާނެ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް އިތުރަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައެވެ.

ކުރިނބީގެ މަސްލަހަތު ނަގާލަން ފުލުހަކު މަސައްކަތްކުރި މައްސަލަ ހޫނުވެފައިވީ ނަމަވެސް، ކުރިނބީ ކައުންސިލުން ކޯވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ރަށުގެ ރައްޔިތުން ކިޔަމަންތެރިވެ، ކައުންސިލަށް ދެއްވާ އެއްބާރުލެއްވުމަށް މި ފުރުޞަތުގައި ކައުންސިލުން ވަނީ އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
93115
ގުޅުންހުރި ލިޔުންތައް

2 Responses

  1. އޭށް

    ފުލުހުންގެތެރޭގައި ޔުނިފޯމް ލެވޭއިރަށް ތިމަންނަ މީ ފުލުހުންގެ އެންމެ މަތީވެރިޔާ ކަމުގަ ހީވާ ފުލުހުންނަކީ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބި ބައެއްކަން ހަނދާން ނެތޭ މިކަހަލަ ****ނާހެދި މުޅި މުއައްސަސާ ބަދުނާމް ވަނީ މިކަހަލަ މީހުންނާމެދު ހަރުކަށި ފިޔަވަޅު ފެނޭ

  2. ގޮށްވަޅު

    ތީބޭކާރު ބަޔެ ގައުމުގަ ކުރާހުރިހާ ކުށެވެ ފަހަތުގާތިބައްވާނީތިމީހުން އަޅެ ހަކުރުބޯމީހާ ސާބިތެނުވި ބަންޑާރަ ރުކުންބާ އެޅި މީހާ 1 އަހަރަށް ޖަލަށް ޕްރޮސެކިއުޓާ ޖެނަރަލް އެއީ މިގައުމަށް ބޭނުން މަގާމެ ނޫން މިވީ ހާތަނަށް ބޮޑެތި ކުށް ކުރާމީހުން ދޫވެފާ ސާބިތު ނުވެގެން އަޅުގަނޑު ގޮވާލަނީ ރައްޔިތުންގެ މަޖްލީހަށްވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އާއި ފުލުހުންގެ މުސާރަތައް ވީހާވެސް އަވަހަކަށް ބޮޑުކޮށް ދިނުމަށް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ