ފިތުރު އީދުގެ މުނާސަބަތާއި ގުޅިގެން ތިންދުވަހުގެ މުއްދަތައް އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށް އަފްގާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތޯލިބާނުން ބުނެފިއެވެ.
ތޯލިބާނުންގެ ތަރުޖަމާން ޒަބިހުއްﷲ މުޖާހިދު ބުނެފައިވަނީ، އެޖަމާއަތުގެ ދުޝްމަނުންނާއި ދެކޮޅަށް އިސްވެ އެއްވެސް ހަމަލާއެއް މިއަދުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ނުދޭނެ ކަމަށެވެ. ނަމަވެސް މިމުއްދަތުގެ ތެރޭގައި ތޯލިބާނުންނަށް އަމާޒުވާ ހަމަލާގެ ބަދަލު ހަމަލާ ދޭނެ ކަމަށެވެ.
ފިތުރު އީދުގެ މުނާސަބަތުގައި ތޯލިބާނުން ހަމަލާދިނުން މެދުކަނޑާލިކަން އިއުލާން ކުރުމާއި ގުޅިގެން އަފްގާނިސްތާނުގެ ރައީސް އަޝްރަފް ގާނީވަނީ މިކަމަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެ އަފްގާނިސްތާން ސިފައިންވެސް މިމުއްދަތުގައި ތޯލިބާނުންނަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ނުދޭނެކަން އިއުލާން ކޮށްފައެވެ.
ތޯލިބާން ޖަމާއަތަކީ 1996 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރާއި ހަމައަށް އަފްގާނިސްތާނުގައި ވެރިކަންކުރި ޖަމާއަތެކެވެ. ތޯލިބާނުންގެ ވެރިކަން 2001 ވަނަ އަހަރު ވައްޓާލައިފައިވަނީ އެމެރިކާ ސިފައިން އެގައުމަށް އަރައެވެ. އެދުވަހުން ފެށިގެން އެޖަމާއަތުން އަންނަނީ އެގައުމުގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.
18 އަހަރުގެ މުއްދަތަށް އަފްގާނިސްތާނުގައި ހިނގަމުން އަންނަ މި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއާއި ތޯލިބާނުން މިހާރުވަނީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ ތޯލިބާނުންގެ ބާރު އިހުނަށްވުރެ އަފްގާނިސްތާނުގައި ގަދަވެެފައިވާ ކަމުގެ ފުރިހަމަ ނިޝާނެކެވެ.



