ޔާމީން މިނިވަން ކުރަން ގޮވާލައި ޖާބިރު ހުށަހެޅި ގަރާރު އަނބުރާ ގެނެސްފި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރު އަނބުރާ ގެނެސްފިއެވެ.

މިޤަރާރު ނެގެމަށްއެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ސިޓީއެއްގައި ފޮނުވާފައިވާއިރު، އޭގައި ބުނެފައި ވަނީ އެ ގަރާރު އަނބުރާ ގެނައުމަށް ނިންމީ އެ މައްސަލައަކީ މިހާރުވެސް މަތީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލައެއްކަމުން، ރައްޔިތުންގެ މަޖިލިހުގައި އެފަދަ ބަހުސްއެއް ހިންގުމަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި އެންމެ އެދެވޭ ގޮތް ކަމަށް ނުފެންނާތީ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް އަވަސްކޮށް އެމަނިކުފާނަށް ވީހާވެސް އަވަހަށް އިންސާފު ހޯދައި ދިނުމަށް ޖާބިރު ގޮވާލާފައިވެއެވެ.

ކުރީގެ ރައީސް ޔާމީން އަށް ކުރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި މަނީ ލޯކްޑަރިންގެ ކުއް ސާބުތުވުމާއި ގުޅިގެން ނެވެ. ޔާމީން މިނިވަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި ގޮވާލަމުން ދަނިކޮށް، ދާދި ފަހުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ ރައީސް ޔާމީންއަށް ތަޢުރީފު ކުރައްވާ އަދި އެމަނިކުފާނަށް ނުހައްޤުން އަނިޔާ ލިބެމުންދާ ކަމަށް ވިދާޅުވެ ކޮށްފައިވާ ޓްވީޓްތަކެއް ރި ޓްވީޓް ކުރައްވާފައި ވަނިކޮށެވެ.

ޔާމީން މިނިވަންކުރުމަށްއެދި ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ޖާބިރު ހުށައެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި، ދިވެހި ރާއްޖެއަށް މިބަލިމަޑުކަން އައިސް މުޅިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓި އިޤްތިސާދު ހީނަރުވެ ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައި އޮތް މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވަގުތުން ޖަލުން މިނިވަންކޮށް، އެމަނިކުފާނާއި ރައީސް ސޯލިހް ބައްދަލްކުރައްވާ އެމަނިކުފާނުގެ ފަރާތުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށް ގޮވާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ