ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16 ގައި ލިވަޕޫލްއާއި އެތުލެޓިކޯ ބައްދަލުކުރި މެޗާއި ގުޅިގެން 41 މީހަކު މަރުވެފައިވާކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
11 މާރޗް 2020 ގައި މިމެދު ކުޅެފައިވަނީ ސްޕެއިންގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރޭތީ، އެޤައުމުގެ ސްކޫލްތައް ބަންދުކޮށް އެކި ސަރަހައްދުތަކުގައި ވަނީ 1000 މީހުންނަށް ވުރެން ގިނަ މީހުން އެއްވެސް ތަނެއްގައި އެއްވެ އުޅުން މަނާކޮށްފައިވަނިކޮށެވެ. އެހެންނަމަވެސް ލަންޑަންގައި ކުޅުނު މިމެޗު ސަޕޯރޓަރުން ނުވައްދާ ކުޅޭ ގޮތަށް ޔޫއެފާއިން ނިންމާފައިވާނުވާތީ، ފޯރިގަދަ މިމެޗު ބެލުމަށް އެތުލެޓިކޯގެ 3000 ސަޕޯރޓަރުން ދަނޑަށް ވަދެފައިވެއެވެ.
މާސޭސައިޑްގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ދިމާވި ސަބަބަކީވެސް މިމެޗުކަމުގައި ރިޕޯރޓްތައް ބުނެއެވެ. ރިޕޯރޓްތައް ބުނާގޮތުން މިމެޗަށްފަހު ޖެހިގެން އައި ފަސް ހަފްތާގައި އެސަރަޙައްދުގައި ކޮވިޑް-19 ޖެހިގެން ކްރިޓިކަލްވި މީހުންނާއި މަރުވި މީހުންގެ ނިސްބަތްވަނީ އިތުރުވެފައެވެ.
ލިވަޕޫލާއި އެތުލެޓިކޯ މެޗަށް ފަހު އެ ސަރަހައްދުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވެގެންދިޔަ ކަމަށާއި އެ މެޗަށް ދިޔަ ގިނަ ބަޔަކަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށް ލިވަޕޫލް ސަރަހައްދުގެ ޕަބްލިކް ހެލްތު ކައުންސިލްގެ ޑިރެކްޓަރު މެތިއު އެޝްޓަން، އިނގިރޭސި މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި މީގެކުރިން ބުނެފައިވެއެވެ. އަދި ލިވަޕޫލާއި ދެކޮޅަށް އެތުލެޓިކޯ ކުޅުނު މެޗު ބަލަން ގިނަ ސަޕޯޓަރުންތަކެއް މެޑްރިޑުން އައިސް ލިވަޕޫލްގެ މަގުތައް މަތީގައި އުޅުމަކީ ވެސް މި ވައިރަސް އިތުރަށް ފެތުރިގަތް ސަބަބެއް ކަމަށް ބެލެވޭ ކަމަށް ބުންޏެވެ.
މީގެއިތުރުން ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އިޓަލީ އާއި ސްޕެއިނުގައި ކޮވިޑް-19 ރޯގާ ފެތުރުން އިތުރުވި އެއް ސަބަބަކީ ޗެމްޕިއަންސް ލީގުގައި މިދިޔަ ފެބްރުއަރީ މަހު އެޓަލަންޓާ އާއި ވެލެންސިއާ ބައްދަލުކުރި މެޗެވެ.
ސްޕެނިޝް ލަލީގާ ޖޫން 8 ގައި ފެއްޓުމުގެ ހުއްދަ އެޤައުމުގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒްވަނީ ދީފައެވެ. އެހެންނަމަވެސް އިންގްލިޝް ޕްރިމިއާ ލީގު އަލުން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން މިހާރުވެސްދަނީ ކޮވިޑް-19 އަށް ޓެސްޓްކުރަމުންނެވެ. އަދި މިހާތަނަށް 7 މީހަކުވަނީ މިބައްޔަށް ޕޮޒިޓިވްވެފައެވެ.



