"ހުކުރު ވިލޭރޭ" އަދި "ފަނާ" ބައިސްކޯފަށް!

ދިވެހި ފިލްމް އިންޑަސްޓްރީގެ މަޝްހޫރު ޔާރާ އާއިލާގެ ޕްރޮޑަކްޝަން ހައުސް "ޔާރާ ޕްރޮޑަކްޝަން" ގެ ދެ ފީޗާރ ފިލްމް ކަމުގައިވާ، "ހުކުރު ވިލޭރޭ" އަދި "ފަނާ" ބައިސްކޯފަށް ލައިފިއެވެ. މި ދެ ފިލްމްވެސް މިހާރު ބައިސްކޯފުން އޮންލައިން ސްޓްރީމްކޮށް ބަލާލެވޭނެއެވެ.

މި ދެ ފިލްމް ބައިސްކޯފަށް އަންނަ ވާހަކަ ބެލުންތެރިންނާއި ހިއްސާކުރީ، ޢީދު ދުވަހަށް ހާއްސަކޮށްގެން ޔާރާ އާއިލާގެ އެކްޓްރެސް އައިޝަތު ރިޝްމީ އިންސްޓަގްރަމްގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ލައިވް ސެޝަންއެއްގައެވެ. އެގޮތުން މި ލައިވް ސެޝަންގައި ރިޝްމީގެ ކޮއްކޮ އަދި މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަގެ އިތުރުން މި ދެބެންގެ މަންމަ އައިމިނަތު ރަޝީދާ(އައިންތު) ވެސް ވަނީ ބައިވެރިވެފައެވެ. "ހުކުރު ވިލޭރޭ" އަދި "ފަނާ" ބައިސްކޯފަށް މިރޭ އަންނާނެކަން އިއުލާންކުރީވެސް މި ތިން މީހުންނެވެ.

ފިލްމް "ހުކުރު ވިލޭރޭ" އަކީ، ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ބިރުވެރި ހާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ. އެގޮތުން ޖިންނިއެއްގެ ފަރާތުން އާއިލާއަކަށް ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް މި ފިލްމުން ދައްކުވައިދެއެވެ. އަދި "ފަނާ" އަކީ ތަފާތު ވާހަކައެއް ކިޔައިދޭ ލޯބީގެ ފިލްމެކެވެ. މި ދެ ފިލްމްގެ ކާސްޓުންއަކީވެސް ޔާރާ އާއިލާގެ ތަރިންގެ އިތުރުން، ފިލްމީ ދާއިރާގެ އުސްފަންނާނުންވެ.

އެގޮތުން "ހުކުރު ވިލޭރޭ" ގެ މެއިން ކާސްޓުންއަކީ، ރިޝްމީ، ޔޫއްޕެ، އަދި އައްޒަ އެވެ. އަދި "ފަނާ"ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދިޔައީ، ރިޝްމީ، އަޒްމީލް(އަޒޭ) އަދި އައިމިނަތު ރަޝީދާ(އައިންތު) އެވެ. މި ދެ ފިލްމަކީވެސް ރިޝްމީގެ ޑައިރެކްޝަންގެ ދަށުން ގެނެސްދީފައިވާ ފިލްމެކެވެ.

ގިނަ ބެލުންތެރިންނެއްގެ އެދުމުގެ މަތިން ރިޝްމީ މިއަދު އިންސްޓްގަރްމް މެދުވެރިކޮށް އޭނަގެ ފޭނުންނާއި ބައްދަލުކޮށްފައިވާއިރު، މި ލައިވް ސެޝަންގައި ފިލްމީ ދާއިރާގެ އިތުރު ފަންނާނުންވެސް ބައިވެރިވިއެވެ. އެގޮތުން، އަޒޭ، ރަވީ، ލަމް، ސޭންޑީ، ޝަރާ، ޖުމައިހް، އަދި ރޯމަން ފެނިގެންދިޔައެވެ.

ހަމައެއާއެކު، ރިޝްމީ ވަނީ، ފޭނުންނަށް ހާއްސަ ސަޕްރައިޒެއްވެސް ދީފައެވެ. އެގޮތުން ރިޝްމީގެ އަމިއްލަ ކުންފުނި "އާރު.ޓޫ.ޒެޑް" އިން އާ ޕްރޮޖެކްޓެއް ފަށަން އުޅޭކަމުގެ ވާހަކަ ވަނީ ބުނެފައެވެ. ނަމަވެސް މި ޕްރޮޖެކްޓާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ